އަންނަ ރޯދަ މަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދަން ނިންމާފައިވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސާއެއް ހަމަޖައްސައިފިއެވެ.
އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެސްޕީ) އެވެ.
މި ކަމަށް ވެވުނު ފަހުމުނާމާގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް ވަޒީރު ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ. އަދި އެމްއެސްޕީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަފީގެވެ.
އިޙްޔާ ފޯރަމްއަކީ ކޮންމެ އަހަރެއްގެ ރަމަޟާން (ރޯދަ) މަހެއްގައިވެސް ބާއްވަމުން އަންނަ ފޯރަމެއް ނަމަވެސް މިފަހަރު ފޯރަމްގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.
އިޙްޔާ ފޯރަމް ގެންދަނީ ސުވާލުތަކަށް ޖަވާބުދޭ ފަރާތްތަކަށް އިނާމްތައް ދޭ ގޮތަށެވެ. މިގޮތުން މިއަހަރު ފޯރަމްގެ މެއިން ސްޕޮންސާ، އެމްއެސްޕީގެ ފަރާތުން ޖުމްލަ 155،000 ރުފިޔާގެ އިނާމް ސްޕޮންސާ ކުރާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ.
އިހްޔާ ފޯރަމްތައް ކުރިއަށް ގެންދަނީ ޢާއްމުންނާއި ސްކޫލް ކުދިންނަށް ބައިވެރިވެވޭގޮތަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!