ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ޝާހިދު ވަނީ މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަކުރައްވާފައެވެ.
ޝާހިދު ވަނީ އޭނާ އަށް އެމްޑީޕީގެ މެންބަރުންގެ ތާއީދު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އިނގިފައިވާ ގޮތުގައި ޝާހިދު ފިޔަވައި އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލާން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ވެސް އަދި ނުވެއެވެ.
މާތް ﷲގެ ވާގިފުޅާއި އެކު އެމް ޑީ ޕީ ގެ @MDPSecretariat ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް މިއަދު އަޅުގަނޑު ޕާރޓީއަށް ފޯމު ހުށަހަޅައިފީމެވެ.
ލޮބުވެތި މެމްބަރުންގެ ތާއީދާ އެއްބާރުލުން އަޅުގަނޑަށް ދެއްވުން އެދެމެވެ.#Aabaareh @MDPSecretariat
— Abdulla Shahid (@abdulla_shahid) February 19, 2024
އެމްޑީޕީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު ހުޅުވާލާފައި ވަނީ 13 ފެބްރުއަރީން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ.
އެމްޑީޕީގެ ރައީސްގެ މަޤާމުގެ އިންތިޚާބު ބާއްވަން އެ ޕާޓީން ނިންމާފައި ވަނީ 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން އެމްޑީޕީން ވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!