ފްލެޓެއް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު އެކައުންޓަކުން 500،000ރ. ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މީހަކަށް ގުޅައިގެން އޮޅުވާލުމަށްފަހު މައުލޫމާތު ހޯދައި ގިނަ އަދަދެއްގެ ރުފިޔާ ހޯދި މައްސަލައެއްގައި، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު 23 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން ގއ. ވިލިނގިލީގައި ވެސް ފްލެޓު ލިބޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 200،000ރ. ނެގި މައްސަލައެއް މި ފަހުން ފެންމަތިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!