ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތް މާދަމާރޭ ފަށާނެއެވެ.

މި މުބާރާތަކީ ހޯރަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ތިން ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ އެއާޕޯޓް، ހޯރަފުށީ ފެނަކައިގެ އިތުރުން ހޯރަފުށީ ޕޮލިހެވެ.

Ad
rt

ހޯރަފުށީ ކުލަބް ފުޓްބޯލް ސްޓޭޑިއަމް މާދަމާ ރޭ 20:30 ގައި ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެނަކައާއި އެއާޕޯޓެވެ. މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމަކާއި ކޮންމެ ޓީމަކާއި ބައްދަލު ކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 24 ވަނަ ދުވަހުގެ ރެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ހޯރަފުށީ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.