އައްޑޫ ސިޓީގެގެ ހިތަދޫ އާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫގެ ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

Ad
rt

މި އެއްބަސްވުމުގައި ސޮއިކުރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެދިގު އަދި އެންމެ ބޮޑު ބްރިޖަށް ވާނެކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ ތެރޭގައި މަސައްކަތްފަށައި، އެންމެ ގިނަވެގެން ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމިގެންދާނެ ފާހަގަކުރައްވައި، ބްރިޖާއެކު އައްޑޫ ސިޓީގެ އިޤުތިޞާދަށް ކުރިއެރުން ލިބިގެންދިއުމަކީ އުންމީދުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދަ ޢަރަބް ކޮންޓްރެކްޓަރސް އާއެވެ. މިއީ މިސްރުގެ ކުންފުންޏެކެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ދަ ޢަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބޯޑު މެންބަރު، އިންޖިނިއަރ ހެބާ އަޙްމަދު އަބޫ ލައިލާ އެވެ.