ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ހެނދުނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއަކީ، އެއްބައިވަންތަ، އަޚުވަންތަކަމުގެ ގުޅުންތަކުން ބަނދެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، ސްކައުޓް ފަދަ ހަރަކާތްތަކަށް އިސްކަންދިނުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.
ނައިބު ރައީސްގެ ވާހަކާގައި ވަނީ، މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުން ޤައުމު ފަޚުރުވެރިވާފަދަ ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާއިރު ޤައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.
މި ޖަމްބޮރީ ތެރޭގައި ސްކައުޓުން ހަރަކާތްތެރިވާއިރުވެސް ރިވެތި އަޚުލާޤާއި، ސުލޫކުން ނަމޫނާ ދައްކައި، އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިޙުތިރާމުކުރާ ބަޔަކަށްވުމަށް ނައިބު ރައީސް ވަނީ ޖޮމްބަރީގެ ބައިވެރިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެއިން 242 ސްކައުޓުން ބައިވެރިވެއެވެ.
މި ޖަމްބޮރީއަށް ލަންކާއަށް ޖަމާވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!