މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 20 އަދި 21 ފެބުރުވަރީ ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.

Ad
rt

މި މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް، އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި، އިސްތިއުފާ ހުށަހަޅުއްވާފައިވާތީއެވެ.

އެނގިފައިވާ ގޮތުގައި ފަތުހުﷲ އިސްތިއުފާ ދެއްވަނީ ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ އިންތިހާބު ގައި ވާދަ ކުރެެއްވުމަށެވެ. އިންތިހާބު ގައި ވާދަ ކުރައްވަނީ އޭނާ ނިސްބަތްވާ ތިމަރަފުށީ ދާއިރާ އަށެވެ. އެ ދާއިރާ އިން އެމްޑީޕީގެ ޓިކެޓް އޭނާ އަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މީރާ އަކީ ޓެކުހާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކުހާބެހޭ ސިޔާސަތުތައް ހިންގައި، ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބަލަހައްޓާ، މިނިވަން، މުސްތަޤިއްލު، ވަކި ޤާނޫނީ ޝަޚްޞެކެވެ.

ޓެކުހުގެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިޚްތިޔާރުގައި ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމަށް ހިތްވަރުދޭ އަދި ޓެކްސް ދައްކާ ފަރާތްތަކަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުވައިދޭ، އަދި މި ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރާ، ޤާބިލް މުއައްސަސާއެއްގެ ގޮތުގައި ހިންގާ، މީރާ ވުޖޫދުވެފައި ވަނީ 18 މާޗް 2010 ގައެވެ.