ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިކަންފާޅު ކުރި އެ ޕާޓީގެ މެންބަރުންކުރެ އިތުރު ތިން ބޭފުޅަކަށް ޓިކެޓް ކަށަވަރުވެފައިވާކަން އެ ޕާޓީން ޢިއުލާން ކޮށްފިއެވެ.
އެމްޑީޕީން ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމަށް ހުޅުވައިލި ފުރުޞަތުގައި، ޓިކެޓަށް އެދި މެންބަރުން ކުރިމަތިލާފައިވާ ދާއިރާތަކުންކުރެ، ޕްރައިމަރީއަކާއި ނުލާ އިތުރު ތިން ދާއިރާއެއްގެ ޓިކެޓް ތިން ބޭފުޅަކަށް ކަށަވަރުވެފައިވާ ކަމަށެވެ.
އެ ދާއިރާތަކަކީ، މިހާރު ވެސް އެ ދާއިރާތައް ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރުން ނިސްބަތްވާ ދެ ދާއިރާކަމަށްވާ ކުޅުދުއްފުށީ އުތުރު ދާއިރާ އާއި ހއ. ދިއްދޫ ދާއިރާގެ އިތުރުން މާފަންނު އުތުރު ދާއިރާއެވެ.
މިގޮތުން ޕްރައިމަރީއަށް ނުގޮސް ކުޅުދުއްފުށީ އުތުރު ދާއިރާ ޓިކެޓް ކަށަވަރުވެފައި ވަނީ އެ ދާއިރާގެ މިހާރުގެ މެންބަރު ޔާސިރު އަބުދުއްލަތީފް އަށެވެ. ދިއްދޫ ދާއިރާގެ ޓިކެޓް ވެސް ވަނީ އެ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑޭ) އަށް ލިބިފައެވެ.
ޓިކެޓް ކަށަވަރުވީ އަނެއް ދާއިރާ، މާފަންނު އުތުރު ދާއިރާގެ ޓިކެޓް ކަށަވަރުވެފައި ވަނީ އެމްޑީޕީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް ވަޒީރެއްގެ މަގާމު ފުރުއްވި އިފްހާމް ހުސައިން އަށެވެ. އޭނާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހދ. ހަނިމާދޫ ދާއިރާ އަށް ވެސް ވާދަކުރައްވާފައެވެ.
އެމްޑީޕީގެ ޓިކެޓް އިތުރު ތިން ބޭފުޅަކަށް ކަށަވަރުވުމުން، ޕްރައިމަރީ އަކާއިނުލައި ޓިކެޓް ކަށަވަރުވި އެ ޕާޓީގެ މެންބަރުންފެ އަދަދު 48 އަށް ވަނީ އަރާފައެވެ.
ބާކީ ދާއިރާތަކުގެ ޓިކެޓް ލިބޭ މެންބަރުން އިނގޭނީ މާދަމާ އޮންނަ ޕްރައިމަރީ އަށް ފަހުއެވެ.
93 ދާއިރާ އަކަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ 20 ވަނަ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ވާދަކުރަން މިހާރު ހުޅުވާލާފައިވާއިރު، އެ މުއްދަތު މި މަހުގެ 14 އަށް ހަމަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!