ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ މެޑިކަލް ކޭމްޕެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ

މި މެޑިކަލް ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޭމްޕްގައި އެ ރަށުގައި މަސައްކަތްކުރާ 505 ބިދޭސީއެއްގެ މެޑިކަލް ޓެސްޓްތައް ހަދާފައިވެއެވެ.

Ad
rt

ހަނިމާދޫގައި މިވަގުތު ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ކުންފުނިން ކުރަމުން އަންނައިރު އެ ސައިޓްގައި މިވަގުތު 680 ބިދޭސީއަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ހަނިމާދޫގެ އެކިއެކި ކޮންޓްރަކްޝަން ގްރޫޕްތަކުގައްޔާއި އަދިވެސް ބައެއް ފީލްޑްތަކުގައި 208 ބިދޭސީއަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހަނިމާދޫ ހެލްތް ސެންޓަރުން ބުނީ އެ އަތޮޅު ވެރިރަށް ކުޅުދުއްފުށިން ފައިލޭރިއާ ފެނުމާއި، އަދި ތަފާތު އާންމު ބަލިތަކުގައި ބިދޭސީ މަސައްކަތްތެރިން އެ ސެންޓަރުން ކޮންމެ ދުވަހަކުން ހެން ފަރުވާ ހޯދަމުން އަންނާތީ އެ ރަށުގައި މިފަދަ ކޭމްޕެއް ހިންގައި ދިނުމަށް އެޗްޕީއޭގައި އެ ސެންޓަރުން އެދުނުކަމަށެވެ. މިގޮތުން މި ކޭމްޕަކީ އެޗްޕީއޭއިން ސާކް ޑިވެލޮޕްމެންޓް ފަންޑްގެ އެހީގެދަށުން، އެމްއެމްޑަބްލިއުއެމްއާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންއާއި ހަނިމާދޫ ހެލްތު ސެންޓަރާއި ކައުންސިލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޭމްޕެއް ކަމަށެވެ.

މި ކޭމްޕުގައި ސިއްހީ ކަންކަމާއި ގުޅޭ ތަފާތު މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. ބީޕީ ބެލުމާއި ހަކުރު ބައްޔަށް ޓެސްޓް ކުރުމުގެ އިތުރުން ކޭމްޕަށް އައިއުރު ތަފާތު ބަލިތައް ފާހަގަ ކުރެވުނު ފަރާތްތަކަށް ހިލޭ ބޭސް ފޯރުކޮށްދީފައިވެއެވެ. ރުބެއްލާއާއި ކޮވިޑްގެ އިތުރުން މީސުލްސް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކަށް މި ކޭމްޕްގައި ވެކްސިން ވެސް ވަނީ ދީފައެވެ.