ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ބާއްވާފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރި ބޮޑުތިލަދުންމަތީގެ ބައެއް ދާއިރާތަކަށް ވާދަކުރެއްވި ބައެއް ބޭފުޅުންނަށް ޓިކެޓް ކަށަވަރުވެއްޖެއެވެ.

މިގޮތުން ހދ. ދިއްދޫ ދާއިރާގެ ޓިކެޓް ކަށަވަރުވެފައި ވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ)، ފުނަމާގެ/ހއ.ދިއްދޫ އަށެވެ. ލަތީބެއާ ވާދަކުރީ ހުސައިން ރަޝީދު، ދަފުތަރު:6629/މާލެ އެވެ.

Ad
rt

ހދ. ކުޅުދުއްފުށީ ސިޓީގެ ދެ ދާއިރާކުރެން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް މުހައްމަދު ދާއޫދު (ޑޭވިޑް)، ރޯމާ/ކުޅުދުއްފުށި، ކަށަވަރުކޮށްފައިވާއިރު، ދެކުނު ޓިކެޓް ކަށަވަރުކޮށްފައި ވަނީ ފަރުހަތު މުހައްމަދު (ބޮޑުރުއްދޮށުގެ/ކުޅުދުއްފުށި) އަށެވެ. ކުޅުދުއްފުށީ އުތުރަށް އިތުރު ދެ ބޭފުޅުން އަދި ދެކުނަށް އިތުރު ފަސް ބޭފުޅުން ވާދަކުރިއެވެ.

ނޮޅިވަރަމް ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފައި ވަނީ އަހްމަދު އަޝްރަފް، މއ. ޑަބަލް އެއިޓް/މާލެ އެވެ. އަޝްރަފް އާއި ވާދަކުރީ ޑރ. އަހްމަދު އަސްލަމް ޢަބުދުﷲ (ހުޅުމާލެ/ޚައިރާތު) އަދި މުހައްމަދު ހަމީދު، ނޫރީތިލަ/ހދ. ނޮޅިވަރަންފަރު އެވެ.

އަދި މަކުނުދޫ ދާއިރާގެ ޓިކެޓް ކަށަވަރުވެފައި ވަނީ އެ ދާއިރާގެ މެންބަރުކަން ކުރެއްކުރެއްވި ޑރ. އަނާރާ ނައީމްގެ ފިރިކަލުން އާދަމް ޝަފީޤް (އެޑަމް)، ދަފުތަރު 7198، މާލެ އަށެވެ. އެޑަމްގެ އިތުރުން ފަސް ބޭފުޅަކު އެ ޓިކެޓަށް ވާދަކުރިއެވެ.

ވައިކަރަދޫ ދާއިރާ ޓިކެޓް މުޙައްމަދު ޝަމްޢޫން (ހ.ހޯގުޅާމަންޒިލް/މާލެ) ކަށަވަރުކޮށްފައިވާއިރު، އޭނާ އާއި އިތުރު ދެ ބޭފުޅަކު ވާދަކުރިއެވެ.

ށ. މިލަންދޫ ދާއިރާގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރުކަން ކުރެއްވި ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ)، ފަރެސް/ށ.މިލަންދޫ އަށް ކަށަވަރުވެފައިވާއިރު، ކަނޑިތީމު ދާއިރާގެ ޓިކެޓް ކަށަވަރުވެފައި ވަނީ ނަސްރުﷲ، (ދޫރެސް/ކަނޑިތީމު) އަށެވެ. ކޮމަންޑޫ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފައި ވަނީ މުހައްމަދު އިބްރާޙީމް (ކްލިޕް/ކޮމަންޑޫ) އެވެ.

މިލަންދޫ ދާއިރާއަށް އިތުރު ހަތަރު ބޭފުޅަކު ވާދަކުރިއިރު އޭގެ ތެރޭގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) އާއި ޕީޕީއެމް/ޕީއެންސީގެ އެންމެ އިސް އެއް އެކްޓިވިސްޓް މުހައްމަދު ނަބީލް ހިމެނެއެވެ. ކަނޑިތީމު ދާއިރާ އަށް އިތުރު ހަތަރު ބޭފުޅުން އަދި ކޮމަންޑޫ ދާއިރާ އަށް ވެސް އިތުރު އެއް ބޭފުޅަކު ވަނީ ވާދަކޮށްފައެވެ.

މީގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަށް ވެސް ވަނީ ޓިކެޓް ކަށަވަރުވެފައެވެ. އޭނާ މިފަހަރު ކުރިމަތިލައްވަނީ ވިލިމާލޭ ދާއިރާ އަށެވެ.

ބޮޑު ތިލަދުންމަތީގެ ދާއިރާތަކުން ކުރެ، އެ ދާއިރާތަކަށް އިތުރު މެމްބަރުން ވާދަކޮށްފައިނުވާތީއާއި، ބައެއް މެމްބަރުން ނަން އަނބުރައި ގެންދިއުމުން މީގެ ކުރީން ވަނީ ތިން ދާއިރާއެއްގެ ޓިކެޓް އެ ދާއިރާތަކަށް ކުރިމަތިލި ބޭފުޅުންނަށް ކަށަވަރުވެފައެވެ.

އެއީ ހޯރަފުށީ ދާއިރާގެ ޓިކެޓް އަލީ މޫސާ އަށް، ބާރަށު ދާއިރާގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާޢު އަށް އަދި ހަނިމާދޫ ދާއިރާގެ ޓިކެޓް އިދުރީސް އަބުދުﷲ އަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގައި ހިމެނޭ ޕާޓީ ތަކަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.