ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމަށް ބޭނުންވާ ބައިވެރިން ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ގްރީން ހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން އެ ރަށުގައި ހިންގި ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ގާއިމްކޮށްފައިވާ ގްރީން ހައުސްތަކުގައި ގަސް އިންދައި ހައްދާނެ ގޮތުގެ ދެވަނަ ޕްރޮގްރާމެއް އަންނަ ފެބްރުއަރީ މަހު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

Ad
rt

މި ޕްރޮގްރާމް އާންމު ގޮތެއްގައި ކުރިއަށް ގެންދަނީ 10 ދުވަހާއި 12 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. ނަމަވެސް މި ޕްރޮގްރާމްގެ ތެރެއިން އިންދާ ހައްދާ ގަސްތައް ބެލެހެއްޓާނީ ބައިވެރިންނެވެ. މިގޮތުން ހޭދަވާ ތިން މަހެއްހާ މުއްދަތުގެ ތެރޭވެސް އެއާއި ގުޅުންހުރި ބައެއް ޕްރޮގްރާމްތައް ކުރިއަށްދާނެއެވެ.

މި ޕްރޮގްރާމް އަމާޒު ކޮށްފައިވަނީ "އައިލެންޑް ފާރމާރޒް ފޯރަމް" (އައި.އެފް.އެފް)ގެ މެމްބަރުންނަށް ކަމަށްވާތީ، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ހިނގާ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވައިކަރަދޫ ކައުންސިލަށް ދުރުވެ އައި.އެފް.އެފްގެ މެމްބަރ ޝިޕްފޯމް ފުރުމަށް އެ ކައުންސިލުން އެދެއެވެ.

ކުރިން އެ ފޯމް ފުރާފައިވާ ފަރާތްތައް ދެވަނަ ފަހަރަށް ފޯމް ފުރިހަމަކޮށްފައި ހުށަހަޅަން ނުޖެހުނު ނަމަވެސް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންނަމަ ނަން ނޯޓް ކުރަން ޖެހެއެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ގްރީން ހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް މިހާރު ވެސް ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ދަނީ ކާމިޔާބުކަމާއިއެކު ހިންގަމުންނެވެ.