ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމް މިއަދު ފަށާފައި ވަނީ ގދ. މަޑަވެލީ ގައެވެ. މިކަމަށްޓަކައި މަޑަވެލީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި 6 ފަރާތަކާއެކު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނުވާ ގދ. މަޑަވެލި މަސްވެރިންނާއެކު ވަޒީރު އަޙްމަދު ޝިޔާމް ޑައިވްއަކަށް ވަޑައިގެންފި. pic.twitter.com/gZ2WYpP11z
— Ministry of Fisheries and Ocean Resources (@MFORmv) January 19, 2024
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރާއިރު، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ސަރުކާރު ޤަބޫލުކުރާ މިފަދަ ތަމްރީނުތައް ހިންގާ ސެންޓަރުތަކުގެ ބެލުމުގެ ދަށުންނެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ޑައިވަރުން ތަމްރީން ކުރާނެއެވެ.
ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓޫ ''ހަފްތާ 14''ގައި ހިމެނޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!