އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މަރަދޫ ދާއިރާގެ އޭނާގެ ސަޕޯޓަރުން އެދެމުންދާތީ އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް އެ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ.

19 ވަނަ މަޖިލީހަށް ޝަރީފް އިންތިޚާބުވެވަޑައިގަތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައެވެ. ނަމަވެސް ދައުރު ނިމެން ހަތަރު މަހާއި ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޝަރީފް ވަނީ 28 ޑިސެމްބަރު 2023 ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފައެވެ.

Ad
rt

ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިވަން ކެންޑިޑޭޓެއް ގޮތުގައި ނަމަވެސް ވާދަކުރަން ދާއިރާގެ އޭނާގެ ސަޕޯޓަރުން އަންނަނީ އެދެމުންނެވެ. އެހެންވެ އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ޝަރީފް ވިދާޅުވެފަވެއެވެ.

''ވާދަކުރަންޖެހިއްޖެ ހާލަތެއްގައި ވެސް ޕީޕީއެމް/ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ދެމި ހުންނާނަން އިރާދަކުރެއްވިއްޔާ'' ޝަރީފް ވިދާޅުވެފަވެއެވެ.

ޝަރީފް ހިމެނޭހެން އިދިކޮޅު، އެމްޑީޕީގެ 13 މެންބަރަކު 28 ޑިސެމްބަރު 2023 ގައި ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައިވާއިރު، އެ މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަންނަވަން އެ ރޭ ބޭއްވި ހާއްސަ ޖަލްސާ ވާހަކަ ދައްކަވަމުން ޝަރީފް ވަނީ އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ގަދަކޮށް އެންމެ ކުރީ ސަފުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ސީދާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވި ނަމަވެސް އިންތިޚާބަށްފަހު ''މިހުރެވުނީ ރަނގަޅު ތަނުގައިބާވައޭ'' އަމިއްލައަށް ހިތްޕުޅަށް އަރައިވަޑައިގެން އެ ނިންމެވުން ނިންމެވީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ ދާއިރާގެ ތަރައްގީއަށް މަސައްކަތްކޮށް ރާއްޖޭގެ އިޤްތިޞާދު އާ އުސްމިނަކަށް ގެންދިޔުމަށް ޑރ. މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުންދީ މަސައްކަތްކުރަން ކަމަށެވެ.