ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުމުނު މީހުންގެ ތެރެއިން މިހާތަނަށް ބިމާއި ރަޖިސްޓަރީ ހަވާލު ނުކުރެވި ތިބި މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ އިތުރުން ބިން ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އިއްޔެއިން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ފޯން އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޟިރުވާނެ ތާރީޚާއި ގަޑި އަދި ތަން އެ ވުޒާރާއިން އަންގާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.

''މީގެ އިތުރުން މިހާތަނަށް ޙަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ މި މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާޙްކުރެވޭނޭ ވާހަކަ ދެންނެވީމެވެ.'' އެ ވުޒާރާއިން ބުނެފަވެއެވެ.

ގޯތި/ފްލެޓް ލިބޭކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވިގޮތަށް އެތަންތަން ހަވާލުކުރާނަން: ރައީސް

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުމުނު މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރަން ފެށިއިރު، މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނުކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ގޯއްޗާއި ފްލެޓްގެ ޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓު ދޫކޮށްފައިވާ ބައެއް ތަންތަނަކީ އަދި ނުހިއްކާ ހުރި ތަންތަނެވެ. އެހެންވެ އެ ތަންތަން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުން އިތުރަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.