މިދިޔަ އާދިއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެގެން ގެއްލުން ލިބުނު 70 ގެއަކަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ނިންމައިފިއެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި އެކި ގެއްލުންތައް ލިބުނު ގެތަކަށް ޖުމްލަ 457،242ރ. ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 34 ގޭބިސީއެއްގެ އިމާރާތައް ގެއްލުންވެ، ސްޓްރަކްޗަރަލް ގެއްލުމުގެ ބަދަލުގެ ގޮތުގައި މުޅިއެކު 248،381ރ. ދޭން ނިންމާފައިވާ އިރު، 65 ގޭބިސީއެއްގެ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެ، ޖުމްލަ ގެއްލުމުގެ %20 ރޭޓުން، ބަދަލުގެ ގޮތުގައި މުޅިއެކު 208،862ރ. ދޭން ނިންމާފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
31 ޑިސެންބަރު 2023 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގެއަށް އެކިވަރުގެ ގެއްލުންވެ 457,246.20ރ ދިނުމަށް ވަނީ ހަމަޖެހިފައި. އިތުރު ތަފްޞީލް: pic.twitter.com/OxUKI3OZ4j
— NDMA Maldives (@NDMAmv) January 3, 2024
އާދިއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި މާލެ އިން ފެން ބޮޑުވެގެން ރިޕޯޓު ކުރީ 164 ގޭބިސީއަކުންނެވެ. އަދި އަށް ގެއަކުން 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނެވެ. ވެލި ބަސްތާ ޖެހުމަށް 10،100 ގޯނި ދޫކުރި އިރު، ފެންބޮޑުވެގެން ރިޕޯޓު ކުރި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް އަދި ފުރަތަމަ އިޖާބަ ދިނުމަށް ހޯދަން ޖެހުނު އާލާތްތަކަށް 179،275ރ. ހަރަދުވި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ފެން ބޮޑުވެގެން އެންޑީއެމްއޭ އިން އެކިއެކި އެހީތެރިކަން ފޯރުކޮށްދިނީ 140 ގެއަކަށެވެ. އެއީ މާފަންނުގެ 53 ގެއަކަށާއި ގަލޮޅުގެ 43 ގެއަކާއި ހެންވޭރުގެ 32 ގެއަކާއި މައްޗަންގޮޅިގެ 12 ގެއެކެވެ.
އާދިއްތަ ދުވަހު މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްލަވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!