ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ސަރުކާރުން އާންމުކޮށްފިއެވެ.

އެ ސިޓީ ހާމަކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ސިޓީ އާންމުކޮށްފައި ވަނީ ސަރުކާރުން މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށެވެ.

Ad
rt

މިއަދު ސަރުކާރުން އެ ސިޓީ ހާމަކޮށްފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި މީސްމީޑިއާގައި ވަނީ އެ ސިޓީ ކަމަށް ބުނާ ސީޓީއެއް ލީކު ކޮށްލާފައެވެ. މިއަދު ސަރުކާރުން ހާމަކުރި އެ ސިޓީއާއެކު ކުރިން ލީކުވެފައި ވަނީ އޮރިޖިނަލް ސިޓީކަން ވަނީ އެނގިގެން ގޮސްފައެވެ.

ސަރުކާރުން އާންމުކުރި މި ސިޓީގައި ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށް ބުނެފައިވާއިރު، އެއީ ގައުމުތައް އިސްތިއުމާރުކުރުމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެފަވެއެވެ.

މި ސިޓީއާއި ގުޅޭގޮތުން ސަރުކާރުން ނެރުނު ބަޔާނުގައި ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނަކަމަށް ބުނެފަވެއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ވަނީ ހަވާލުކޮށްފައިކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

މިގޮތުން އެނިންމުން ދިރާސާކޮށް، މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައިކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ.