ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުން މެޗު ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް އިން ކާމިޔާބު ކޮށްފިއެވެ.
މިއަދު ގްރޫޕް އޭގައި ޔޫތު ފްރެންޑްސްއާއި ޑޮމިނޭޓާސް ބައްދަލު ކުރި މެޗުގައި ޖުމްލަ ދިހަ ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުގައި ޑޮމިނޭޓާސް އިން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ޔޫތު ފްރެންޑްސްގެ މައްޗަށް ކުރި ހޯދީ 6-4 ގެ ނަތީޖާއިންނެވެ.
މި ގްރޫޕްގައި ޔޫތު ފްރެންޑްސް ކުޅުނު ފުރަތަމަ މެޗުން ވަނީ އަހުލީ އަތުން ބަލިވެފައެވެ. މިއަދު މެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތުން ކަޓާފައެވެ. ޑޮމިނޭޓާސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ރިއަލް ސްޓާސް އަތުން ބަލިވެފައެވެ. ނަމަވެސް މިއަދު މެޗުން މޮޅުވުމުން އެ ޓީމަށް ވަނީ މުބާރާތުގައި ކުރިއަށް ދިޔުމަށް ފުރުޞަތު ފަހިވެފައެވެ.
މިއަދު މެޗުގައި ޑޮމިނޭޓާސް ޓީމްގައި ތަފާތު ދެއްކީ އެ ޓީމްގެ ކެޕްޓަން މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. އޭނާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ދެން ހިރިމަރަދޫއަށް ލަނޑުތައް ޖަހައިދިނީ އަލީ މުހައްމަދު، އަހްމަދު ނަދީމްގެ އިތުރުން ހުސެއިން ނާޒިމްއެވެ.
ޔޫތު ފްރެންޑްސްގެ ހުސެއިން ޝަރީފް ދެ ލަނޑު ޖެހިއިރު ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އަލީ އާމިރުގެ އިތުރުން އާލިފް އިބްރާހީމްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޑޮމިނޭޓާސްގެ ޖޯޒީ ނަމްބަރު 9، މުހައްމަދު ނަޝީދު (ފޯވާޑް) އެވެ.
މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ޝީލްޑާއި ފަލްކަން އެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މިއީ މި ދެ ޓީމް މުބާރާތުގައ ކުޅޭ ފުރަތަމަ މެޗެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!