ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީއެވެ.

Ad
rt

މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެން އަދި ބޮޓްލިންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކައިގެ މުވައްޒަފުން އަނިޔާވެރިކަމާއި ބޭއިންސާފުން ބަދަލު ހިފުމުގެ ރޫހެއްގައި ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށެވެ.

އެހެންވެ، ފެނަކަ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުންދާ ކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، އެ މައްސަލައިގެ ބަހުސް ވަނީ ފަށައިފައެވެ. މަޖިލިހަށް އެ މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ހުސެއިން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ފުވައްމުލަކުގައި ދިރިއުޅޭ ފެނަކައިގެ މުވައްޒަފުންތަކެއް ވަކިކޮށްފައިވާ ކަމަށެވެ. މުވައްޒަފުން ވަކިކޮށް ފެންނަމުން މިދަނީ ރައީސް މުއިއްޒު ސަރުކާރު ދެތިން އާއިލާއެއްގެ މައްޗަށް މުޅި ސަރުކާރު އެކުލަވާލާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު ފެނަކަ އިން ވަކި ކުރީ އެމްޑީޕީ އަށް ތާއީދު ކުރާ މުވައްޒަފުންނެވެ.

"މިއީ ވަރަށް ދެރަ ކަމެއް. ކޮންމެ ފަހަރަކު ސަރުކާރެއް ބަދަލުވާ އިރަށް މިގޮތަށް ފެނަކަ މުވައްޒަފުންނަށް އަނިޔާ ކުރާކަށް ނުވާނެ،" ހުސެއިން ވިދާޅުވިއެވެ.