ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އެ ރަށު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ބަނދަރު ސަރަހައްދުގައި ޖޯލި އެލުވައި ނިންމާލައިފިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ކޭވައިއެސްގެ ފަރާތުން މައުލޫމާތު ދެމުން އެ ކުލަބުގެ ރައީސް ޖައިލަމް ސާހް ބުނީ އެ ރަށު ބަނދަރު ސަރަހައްދަކީ ހަވީރު ވަގުތުގައި ރަށު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ނުކުންނަ ސަރަހައްދެއް ކަމަށެވެ.

Ad
rt

މިގޮތުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ޑިމާންޑް މިހާރު އެ ޖޯލިތަކަށް ވަރަށް ބޮޑު ކަމަށާއ، އަދި އެ ސަރަހައްދުގައި ޖޯލި އިތުރު ކޮށްދިނުމަށް ގިނަބަޔަކު އެދެމުން އަންނާތީ ޖޯލި އިތުރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މި ހަރަކާތަކީ އެ ކްލަބުގެ އިޖްތިމާއީ ހަރަކާތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މިކަމުގައި އެ ކްލަބުގެ މެމްބަރުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށް ޖައިލަމް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކުމުންދޫ ބަނދަރު ސަރަހައްދުގައި އެ ރަށު ނަންފިލާ ތައްޔާރު ކުރުމުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ކޭވައިއެސްގެ ފަރާތުންނެވެ. މީގެ އިތުރުން އެ ރަށު ކިނާރާ ފަންނު ޕާކް ތަރައްގީ ކުރުމުގެ މަސައްކަތުގައި ވެސް އެ ކްލަބުގެ ފަރާތުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.