ހދ. ނޮޅިވަރަމުން ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލުމަށް އެރަށު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ނޮޅިވަރަމުން މި ފަހަރު ދޫކުރަން ނިންމާފައި ވަނީ ދިރިއުޅުމަށް 2000 އަކަފޫޓުގެ 160 ބަންޑާރަ ގޯއްޗެވެ.
މި ގޯތިތަކަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައި ނޮޅިވަރަމް ކައުންސިލުން ބުނީ އެމީހުންނަށް ޕޮއިންޓް ދީފައި ވާނީ، 2023 ވަނަ އަހަރު ގޯއްޗަށް އެދި ހުށަހަޅަން އެ ކައުންސިލުން ކުރި އިޢުލާނާއިއެކު ޢާންމުކޮށްފައިވާ "ހދ.ނޮޅިވަރަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް" ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ކަމަށެވެ.
އެރަށުން މި ބުރު ގޯއްޗަށް ކުރިމަތިލީ މީހުންކުރެ ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ނުވަތަ ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުން، ސިޓީގެ ޒަރިއްޔާއިން ނޮޅިވަރަމް ކައުންސިލް އިދާރާއަށް ހުށަހަޅަން ނުވަތަ އެކައުންސިލްގެ އީމޭލް ms@nolhivaran.gov.mv އަށް މެއިލް ކުރުމަށް ނޮޅިވަރަމް ކައުންސިލުން ވަނީ އެދިފައެވެ.
ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ނުވަތަ ޝަކުވާ ހުށަހަން ނޮޅިވަރަމް ކައުންސިލުން ދީފައިވާ ސުން ގަޑިއަކީ 04 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހު އެ އިދާރާ ބަންދުކުރުމުގެ ކުރިންނެވެ.
އެރަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ކުރިމަތިލީ މީހުންގެ ލިސްޓަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، އެ ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް ނޮޅިވަރަމް ކައުންސިލުން ބުނެއެވެ.
ނޮޅިވަރަމުން ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލުމަށް އެރަށު ކައުންސިލުން ހުޅުވާލި ފުރުސަތުގައި 160 ގޯއްޗަށް 348 މީހަކު ވަނީ ފޯމު ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!