ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް، މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ނައިބު ރައީސް ޙުސައިން ޘަޤީފް ވާދަކުރަން ނިންމާ އެކަން އިޢުލާން ކުރައްވައިފިއެވެ.

2024 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީ (އޭޕީ) ގެ ފަރާތުން ވާދަކުރައްވާނެ ކަން ޘަޤީފް ހާމަކުރައްވާފައި ވަނީ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad
rt

މީގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ޘަޤީފް ކުރެއްވި އެޕޯސްޓުގައި ވިދާޅުވެފައިވަނީ، މާތް ﷲ ގެ ވާގިފުޅާއި އެކު، ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލާން ނިންމާފައިވާކަމަށެވެ.

"ތިލަދުންމަތީ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫ ރައްޔިތުންގެ ފުރިހަމަ ތާޢީދާއި އެއްބާރުލުމާއި، ހެޔޮ ނަސޭހަތާއި މަޝްވަރާ ލިބޭނެކަމަށް އުންމީދުކުރަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ"

މީސްމީޑިޔާގެ މަންސަތަކުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ހދ. ވައިކަރަދޫއަށް އުފަން، ޘަޤީފް ވަނީ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވާފަ އެވެ. 995 ވޯޓާއެކު ދެވަނަ އަށް ދިޔައީ އޭނާއެވެ.