ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޢިއުލާން ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިކަން ޢިއުލާން ކުރެއްވީ، އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި އިއްޔެ ފެށި ކޮޕް28 ބައްދަލުވުމުގައި ޤައުމީ ބަޔާން އިއްވަވަމުންނެވެ.
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގަވާނެކަން ޢިއުލާން ކުރައްވައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާ މުޚާތަބުކުރައްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައި ވިދާޅުވެފައެވެ.
މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިޤްތިޞާދަށާއި މުޅި ޤައުމަށްވެސް ލިބޭ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަމާޒަކީ ކަރަންޓުގެ %33 އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރުން: ރައީސް
ރައީސްގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ފަރުދެއްގެ ޙައިޘިއްޔަތުން، ދުނިޔޭގެ ވެށްޓަށްޓަކައި ކޮންމެ މީހަކުވެސް އުފުލަން ޖެހޭ ޒިންމާތަކެއްވާކަން ހަނދުމަކޮށްދެއްވާފައެވެ.
މީގެ އިތުރުން، އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަމަލުތަކުން އެކަން ޔަޤީންކޮށްދެއްވުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!