މާލޭގެ މޭޔަރު ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޯމް ހުށަހަޅުއްވަން ނިންމަވައިފިއެވެ. އެނގިފައިވާ ގޮތުގައި އާޒިމް ފޯމް ހުށަހަޅުއްވާނީ މިއަދު ހަވީރު އެމްޑީޕީގެ އޮފީހަށެވެ.
އާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެސްޓީއޯގައި ހޭދަކުރެއްވި މުއްދަތުގައި އެ ކުންފުނީގެ ހިންގުމަށާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ހާއްސަކޮށް، ރާއްޖޭގެ ރަށް ރަށުގައި އެސްޓީއޯގެ ބޭސް ފިހާރަތައް ހުޅުވުނީ އާޒިމް ކުރެއްވި ބުރަ މަސައްކަތުންނެވެ. އޭގެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގައި އެންމެ ފުރަތަމަ އޭނާއާ ހަވާލު ކުރެއްވީ އެމްޑަބްލިއުއެސްސީއެވެ.
އާޒިމް، އެ ތަނުގައި އަހަރަކަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، ކުރީ ސަރުކާރު ނިމުމާ ހަމައަށް އޭނާ އަދާ ކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައި އެމްޓީސީސީ އަށް ހޯދުނު އެންމެ މުހިންމު އެއް ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ފަށައި، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމާލެވުމެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާފައިވާ އަދި ހިންގަމުންދާ ގިނަ މަޝްރޫއުތަކުގެ ހިއްސާދާރަކީ އެމްޓީސީސީއެވެ. މަގު ހެދުމާއި ބަނދަރު ހެދުމާއި އެ ނޫން ވެސް ރައްޔިތުންނާ ގުޅުން ހުރި ތަފާތު ގިނަ މަޝްރޫއުތަކެއް އާޒިމްގެ ދައުރުގައި ފެނިގެން ގޮސްފައިވެއެވެ.
މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ހިދުމަތުން ރާއްޖެ ގުޅާލުމަށް ފެށި މަސައްކަތް ފާހަގަކޮށްލެވެއެވެ.
މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުއިއްޒާއެކުގައި މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފައެވެ.
މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް މިހާތަނަށް އައިއިރު ޝައުގުވެރިކަން ފާޅު ކުރެއްވެވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދެވެ. އާޒިމާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ އިރު، ހުސެއިން ވަހީދު ވާދަކުރެއްވުމަށް ހަމަޖެހިފައި ވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓިކެޓުގައެވެ.
މޭޔަރާއި ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 13 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!