ރައީސް ޑރ. މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ރޭ ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކުގައި، ދެ ރައީސުން ވަނީ، ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް އައިސް، ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ދެ ރައީސުން ވެސް ވަނީ ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަޤިއްލު، މިނިވަން ދައުލަތެއް ޤާއިމުކޮށް، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަމުގައި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަތުން ހުއްޓައިލާ، ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ވެސް ދެ ރައީސުން އެއްބަސްވެ ވަޑައިގެންނެވިއެވެ.
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެންފައިވާ، އިސްރާއީލޭ ކިޔުނު ޖަމާއަތުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނަށް އަމާޒުކޮށް 7 އޮކްޓޯބަރު 2023 އިން ފެށިގެން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި އިއްޔެގެ ނިޔަލަށް ފަލަސްތީނުގެ 15 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 10 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ. އަދި އެތައް ހާސް ރައްޔިތުންގެ ގެދޮރުގެއްލި، އަސާސީ ޚިދުމަތްތަކުން ވެސް ވަނީ މަޙްރޫމް ކޮށްފައެވެ. އިސްރާއީލުގެ ލާއިންސާނީ ހަމަލާތައް ފަލަސްތީނުގެ އާންމު ގެތަކުގެ އިތުރުން އުސް އިމާރާތްތަކަށާއި، ހޮސްޕިޓަލް، ސްކޫލް ފަދަ ތަންތަނަށް ވެސް ވަނީ އަމާޒުކޮށްފައެވެ.
އިސްރާއީލޭ ކިޔުނު ޖަމާއަތުން ފަލަސްތީނު ބިމަށް ވެރިވެގަތީއްސުރެ ދަނީ ގަތުލުއާންމު ހިންގައި މުސްލިމް ނަސްލު އެ ބިމުން ފޮހެލަން މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!