މަނާކޮށްފައިވާ އިންޓަމީޑިއަޓް ރޭންޖް ބެލިސްޓިކް މިސައިލް (އައިއާރުބީއެމް) ގެ އާ ސޮލިޑް ފިއުލް އިންޖީނެއްގެ ސްޓޭޓިކް ޓެސްޓްތަކެއް އުތުރު ކޮރެއާއިން ކާމިޔާބުކަމާއެކު ކޮށްފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
އުތުރު ކޮރެއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން މި ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު އަދި އަންގާރަ ދުވަހުއެވެ. މި ޓެސްޓުތަކުގެ ސަބަބުން އައިއާރުބީއެމް ސިސްޓަމް އިތުރަށް ބާރު ސްޕީޑެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް އިތުރު ޔަގީންކަމެއް ވަނީ ލިބިގެން ގޮސްފައިކަމަށް ވެސް އެގައުމުގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
އަސްކަރީ ތަހުލީލު ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ގޮތުގައި ސޮލިޑް ފިއުލް މިސައިލްތަކަކީ އޮޕަރޭޓް ކުރަން ފަސޭހަ އަދި ރައްކާތެރި މިސައިލްތަކެކެވެ. މީގެއިތުރުން ލޮޖިސްޓިކަލް ސަޕޯޓް މަދު މި މިސައިލުތަކަކީ ލިކުއިޑް ފިއުލް ހަތިޔާރުތަކަށް ވުރެ ދެނެގަންނަން އުނދަގޫ މިސައިލުތަކެކެވެ.
އުތުރު ކޮރެއާއިން ވަނީ ފާއިތުވި އަހަރުތަކުގައި ބައިނަލް އަގުވާމީ ގާނޫނުތަކުގައި މަނާކޮށްފައިވާ ގިނަ މިސައިލް ޓެސްޓްތަކެއް ކޮށްފައެވެ. އެގޮތުން އެގައުމުގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ މި ޓެސްޓުތަކުގެ ސަބަބުން އދ. އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. ނަމަވެސް އ.ދ ގެ މި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި އެގައުމުގެ އަސްކަރިއްޔާއިން އަންނަނީ ތަކުރާރުކޮށް މިސައިލް ޓެސްޓުތައް ކުރަމުންނެވެ.
އުތުރު ކޮރެއާގެ ޖެނެރަލް މިސައިލް ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމަށް ކުރިމަތިވެފައިވާ ސަލާމަތީ ނުރައްކާތަކާއި ނުތަނަވަސްކަމުގެ ސަބަބުންނާއި އިދިކޮޅު ގައުމުތަކުން އަތުވެދާނެ ހަމަލާއަކަށް ދުރާލާ ރައްކާތެރިވެ ތިބުމަށްޓަކައި އަސްކަރިއްޔާގެ ސްޓްރެޓެޖިކް އޮފެންސިވް ކެޕޭސިޓީ އިތުރުކުރުމަށް ފަހުގެ ޓެސްޓްތަކަކީ ކޮންމެހެން ބޭނުންތެރި ޓެސްޓްތަކެވެ.
އެ ގައުމުގެ އަސްކަރިއްޔައިން މަނާކޮށްފައިވާ އައިއާރުބީއެމް ޓެސްޓުކޮށްފައިވާކަން ހާމަކޮށްފައި މިވަނީ، މޮސްކޯގެ ގުދުރަތީ ވަސީލަތްތަކުގެ މިނިސްޓަރު އެލެގްޒެންޑަރ ކޮޒްލޯވް އިސްކޮށް ހުންނަވައިގެން ރަޝިޔާގެ ވަފުދެއް ވިޔަފާރިއާއި އިގްތިސާދު އަދި ސައިންސާއި ޓެކްނޮލޮޖީއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް އެގައުމަށް ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ.
ރަޝިއާ އަދި އުތުރުކޮރެއާގެ އަސްކަރީ ގުޅުންތައް ވަރުގަދަވަމުން ދާ މި ދަނޑިވަޅުގައި، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ތަންފީޒުކުރާ އދ.ގެ މެމްބަރު ގައުމުތަކުން މި ހަފްތާގައި ހާމަކޮށްފައިވާ ގޮތުގައި އުތުރުކޮރެއާ އިން އަންނަނީ ޔޫކްރޭންއާ ދެކޮޅަށް ހަމަލާތައް ދިނުމަށް ބޭނުންވާ އަސްކަރީ ތަމްރީނުތަކާއި ހަތިޔާރުތައް ރަޝިއާއަށް ފޯރުކޮށްދެމުންނެވެ.
ނަމަވެސް މި ހުރިހާ ތުހުމަތުތަކެއް ރަޝިއާ އަދި އުތުރު ކޮރެއާއިން ވަނީ ދޮގުކޮށްފައެވެ. އެ ދެ ގައުމުން ހާމަކޮށްފައިވާ ގޮތުގައި ދެގައުމުގެ މެދުގައި ގުޅުންތައް ވަރުގަދަވި ނަމަވެސް ހަނގުރާމައާ ގުޅޭ އެއްވެސް ކަމެއްގައި އުތުރުކޮރެއާއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށެއް ނުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!