ހދ. ނޮޅިވަރަމާއި ހަނިމާދޫ އަދި ށ. ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިއެވެ.

ޖޭއެސްސީން އިއްޔެ ވިދާޅުވިގޮތުގައި ހަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް އެ ކޮމިޝަނުން މިދިޔަ އޯގަސްޓު މަހު ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ ބޭފުޅުންނާ، "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު، އެރަށްތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

Ad
rt

އެ ހަ ރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނު ކުރުމަށް ކަނޑައެޅި މެޖިސްޓޭޓުން އެ މަގާމަށް އައްޔަނުކުރަން ނިންމާފައި ވަނީ 01 ނޮވެންބަރު 2023 ވަނަ ދުވަހު ބޭއްވި އެ މިކޮމިޝަންގެ 70 ވަނަ ބައްދަލުވުމުގައެވެ.

މިގޮތުން މެޖިސްޓްރޭޓުން ހަމަޖެއްސި ކޯޓުތަކާއި ހަމަޖެއްސި ބޭފުޅުން

ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓް

ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ އެ އަތޮޅު ވައިކަރަދޫ، ޓޯކީވިލާ، އަލްއުސްތާޛު އަޙްމަދު އަރީޖު އެވެ. އަރީޖު އަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ޙާސިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

2014 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަރީޖު ނޮޅިވަރަމް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް ޢައްޔަންކުރުމަށް ނިންމިއިރު ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ މަޤާމުގައެވެ.

ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު

ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ތ. ވިލުފުށި، ފިނިހިޔާ، އަލްއުސްތާޛާ އާމިނަތު ޒާފިރާ އެވެ. ޒާފިރާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވައިފައެވެ.

ޝަރުއީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޒާފިރާ އިސްމެޖިސްޓްރޭޓަކަށް ޢައްޔަންކުރުމަށް ނިންމިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ލީގަލް އޮފިސަރގެ މަޤާމްގައެވެ.

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖައްސަން ނިންމާފައި ވަނީ އެ އަތޮޅު ބިލެތްފަހި، ވިލުދޮޅި، އަލްއުސްތާޛާ ޙައްވާ އިބްރާހީމް އެވެ. އެ މަގާމށް އައްޔަނުކުރަން ނިންމުމުގެ ކުރިން ހައްވަ ހުންނެވީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައެވެ.

ހައްވަ އަކީ ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެސިސްޓަންޓް އިންވެސްޓިގޭޓިވެ އޮފިސަރގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛާ ޙައްވާ އިބްރާހީމްވަނީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ވިތް އޮނަރސް ޙާސިލްކުރައްވައިފައެވެ.

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ ގދ. މަޑަވެލި، ކަސްމީރުގެ، އަލްއުސްތާޛާ މަރްޔަމް ރަސާ ރާފިޢުއެވެ.

މަރްޔަމް ރަސާ ރާފިޢު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ.

މަރްޔަމް ރަސާ ރާފިޢު ވަނީ ޤާނޫނީ ދާއިރާގައި 05 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. އަދި މިގާމަށް ޢައްޔަންކުރުމަށް ނިންމެވިއިރު، މަރްޔަމް ރަސާ ރާފިޢު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓަރީ އެންޑް ލީގަލް ކައުންސިލްގެ މަޤާމުގައެވެ.

ނ. މާފަރު މެޖިސްޓްރޭޓް ކޯޓް

މާފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖައްސަން ނިންމާފައި ވަނީ، ތ. ތިމަރަފުށި، އާރާސްތު، އަލްއުސްތާޛު މުޙައްމަދު އީމާން އެވެ.

އީމާން ވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ ޙާސިލްކުރައްވައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލީގަލް އޮފިސަރގެ މަޤާމާއި، ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރގެ މަޤާމް، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމް އަދާ ކުރެއްވިއިރު އީމާން އަށް ޝަރުޢީ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިލައްވާފަވެއެވެ.

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް

ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ އެރަށު ނޫރަންމާގެ، އަލްއުސްތާޛު ޙައްމާދު ވާފިރު އެވެ.

ޙައްމާދު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައެވެ.

ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވުނު އިރު ޙައްމާދު ވާފިރު ހުންނެވީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމް ގައެވެ. އަދި ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ.