އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ނަމަ އިހްތިޖާޖް ކުރައްވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެއެވެ.
ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާ ގުޅިގެން ނަޝީދު ''އެކްސް''ގައި ވިދާޅުވީ، އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުން ދިޔަ ރޭވުން ފެއިލް ވެފައިވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށް ވެސް މިވަގުތު ދުބާއީގައި ހުންނެވި ނަޝީދު ވިދާޅުވިއެވެ.
އަލީ ނިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖްލިސް މެމްބަރުންގެ އިތުބާރުނެތް ރިޔާސަތެއް ކަމުގައިވާނަމަ އެކަމަށް އެމްޑީޕީން އިހްތިޖާޖް ކުރާނެ ކަމަށެވެ.
އިހްތިޖާޖް ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށް ވެސް އަލީ ނިޔާޒް ވިދާޅުވިއެވެ.
"މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސް މެމްބަރުންގެ އިތުބާރު ނެތް ރިޔާސަތެއް ކަމުގައިވާ ނަމަ، އެކަމަށް އެމްޑީޕީން އިހްތިޖާޖް ކުރާނެ. އިހްތިޖާޖް ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީ ޕީޖީން،" އަލީ ނިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ނެތަސް، މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން މިހާރު ވަނީ އެޖެންޑާކޮށްފައެވެ.
އާދިއްތަ ދުވަހުގެ އެޖެންޑާ މަޖިލިހުގެ އިދާރާ އިން ނެރުނު އިރު، އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ވެސް ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީ މަޖިލިހަށް މައްސަލަ ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. އެ މައްސަލަ މަޖިލިހުގައި ނުހިނގާތާ މިހާރު ދެ ހަފްތާ ވެފައި އޮއްވައި ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަށް ހައްލެއް ގެނެސްދީފައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެކަން މި ޙުކުމްގައި ފަހަގަކޮށްފައިވާއިރު، މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލާގައި އެޖެންޑާކުރެވޭ ގަރާރު ހުށަހަޅާ ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި، ގާނޫނުންނާއި، ރައްޔިތުންގެ މަޖިލިސްގެ ގަވާއިދުގެ ދަށުން ލާޒިމްކުރާ އެހެނިހެންކަންކަން ކުރަން ޖެހޭނެ ކަމަށާއި، އެ މައްސަލާގައި އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ހުކުމުގައިވެއެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމުގައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓޭ މެމްބަރުން ރިޔާސަތުގައި ތިބެގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!