ވަޒީފާއާއި ބެހޭ ޓްރިބިއުނަލްގެ ކުރީގެ މެންބަރު، ގާނޫނީވަކީލު އާދަމް ޒާލިފް ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިވިލްކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން މިދިޔަ އޮކްޓޯބަރު މަހު ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ ބޭފުޅުންނާ، "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ގއ. ގެމަނަފުށި، އޯކިޑުމާގެ، އަލްއުސްތާޛު އާދަމް ޒާލިފް އަށް ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޒާލިފް ޢައްޔަންކުރުމަށް 8 ނޮވެންބަރު 2023 ވަނަ ދުވަހު ބޭއްވުނު އެ މިކޮމިޝަންގެ 71 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އާއި މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ޒާލިފް އަކީ ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަމުގެ އިތުރުން ވަކީލެއްގެ ގޮތުގައި ވަކާލާތުކުރައްވާ، އަދި ޏ.ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އަދާ ކުރައްވާފައިވާ ޒާލިފަކީ ގެމަނަފުއްޓާއި، ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފަހުން ހުންނެވި، އިލްހާމް އަހްމަދުގެ ކޮއްކޮއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!