ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ދޫކުރުމުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު މީހުންނަށް ލިޔުން ހަވާލުކޮށް ގޯތި ދޫކުރުމުގެ މަސައްކަތްތައް އަމާޒު ހިފާފައިވާ ތާރީހަށް ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިންތަކުގައި ބުނެފައި ވަނީ ސަރުކާރުން އިއުލާންކޮށްފައިވާ ތާރީހަށް ނިމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ގޯތި ދޫކުރުމާއި ގުޅޭ މަސައްކަތްތައް ކަނޑައެޅިފައިވާގޮތަށް ކުރިއަށްދާ ކަމަށެވެ.

Ad
rt

އަކްރަމް ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކާއެކު އެގްރިމެންޓްގައި ސޮއިކުރުމުގެ މަސައްކަތްތައް ދަރުބާރުގޭގައި ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތައް އަވަސްކުރުމަށް ހަފުތާ ބަންދާއެކު މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.

މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުން ވެސް ބިން ހިއްކާ ނިމޭވަރަކުން ބިން ދޫކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވަނީ ގޯއްޗާއި ފްލެޓް ދޫކުރުމުގެ ދެވަނަ ބުރެއް ކުރިއަށްގެންދިއުމަށް ނިންމާ އެ މަސައްކަތް ވެސް މިހާރު ފައްޓަވާފައެވެ. އެގޮތުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވެ، ފޯމުތައް ރިވިއުކުރުމުގެ މަސައްކަތްތައް މިހާރުގެންދަވަނީ ކުރައްވަމުންނެވެ.