2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ''އެކްސް''ގައި ވިދާޅުވީ، ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

Ad
rt

20 ވަނަ މަޖިލީހުގެ އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތް ކަމަށާއި، އެއީ ޤާނޫނު އޮތްގޮތުން ދިމާވާ ކަމެއްކަން ހަބީބު ވަނީ ފާހަގަކުރައްވާފައެވެ.

''ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް ނޮވެމްބަރ މަހުގެ ތެރޭގައި ޢާންމު ކުުރުމަށް މަސައްކަތްކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން.'' ހަބީބު ވިދާޅުވެފަވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ފައިނަލް ވުމުން، އެ ދާއިރާތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ތައްޔާރުކޮށް، އެ ލިސްޓު ބޭނުންވާ ފަރާތްތަކަށް ޙިއްސާ ކުރުމަށްޓަކައި، 2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ދުރާލާ ޢާންމު ކުރުމަށްވެސް އީސީ އިން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

މިހާރު މިހިނގާ 19 ވަނަ މަޖިލީހުގެ (2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ) އިންތިޚާބު ބޭއްވިފައި ވަނީ ބޭއްވިފައިވަނީ 2019 އޭޕްރިލް 6 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު 264،442 މީހުންނަށް ލިބުނު ނަމަވެސް ވޯޓުދީފައި ވަނީ 215،053 މީހުންނެވެ. ވޯޓުދިން މީހުންގެ އިންސައްތަ އަކީ %81.32 އެވެ. އޭގެތެރެިިން ސައްޙަ ވޯޓުގެ އަދަދަކީ 210،253 އެވެ. އަދި 4،800 ވޯޓު ބާތިލުވެފަވެއެވެ.

(2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 407 ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނުކުތީ މަޖިލީހުގެ 87 ދާއިރާއަށް 86 ކެންޑިޑޭޓުން ވާދަކުރި އެމް.ޑީ.ޕީއިންނެވެ. ޕީއެމުން 26 ކެންޑިޑޭޓުން ވާދަކުރިއިރު ޕީއެންސީން 23 ކެންޑިޑޭޓުން ވާދަކުރިއެވެ. ޖޭޕީން 41 ކެންޑިޑޭޓަކު ވާދަކުރިއިރު، އެމްޑީއޭއިން ވަނީ 8 ކެންޑިޑޭޓުން އަދި އަދާލަތުން 9 ކެންޑިޑޭޓުން ނެރުނެވެ. މީގެ އިތުރުން ލޭބާ ޕާޓީ 11 އަދި އެމްޓީޑީން 8 ކެންޑިޑޭޓުން ނުކުތެވެ. އަދި ޑީއާރުޕީން ވެސް 5 ކެންޑިޑޭޓުން ނުކުތެވެ. އަމިއްލަ ގޮތުން ވާދަކުރީ 190 ކެންޑިޑޭޓުންނެވެ.

އެ އިންތިޚާބުގައި 87 ގޮނޑިއަށް ޖުމްލަ 386 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އިންތިޚާބުވެފައި ވަނީ 83 ފިރިހެން މެންބަރުންނާއި، 4 އަންހެން މެންބަރުންނެވެ.