ރައްޔިތުންގެ މަޖިލިސްގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ (ގަޕޯ) އަންނަ ދައުރަށް ވެސް ހަނިމާދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ނިންމާފައިވާކަން ޢިއުލާންކުރައްވައިފިއެވެ.

އައު ދައުރަކަށް ހަނިމާދޫ ދާއިރާގެ ގޮނޑިއަށް ގަޕޯ ކުރިމަތިލައްވަން ނިންމާފައިވާކަމުގެ ޕޯސްޓަރެއް އޭނާގެ ސަޕޯޓަރުން މިހާރު މީސް މީޑިއާގައި ދައުރުކުރުވަމުން އަންނައިރު، ގަޕޯ އަންނަ ދައުރަށް ވެސް ހަނިމާދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައި ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައެވެ. ގަޕޯ މިހާރު ވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

Ad
rt

ގަޕޯ ވަނީ މީގެ ކުރިން ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިވެސްް ދެ ފަހަރެއްގެ މަތިން ފުރުއްވާފައެވެ. ހަނިމާދޫ ދާއިރާގެ ގޮނޑީގައި ގަޕޯ ފުރިހަމަކުރައްވަމުން ގެންދަވާ ދައުރަކީ ރައްޔިތުންގެ މަޖިލިސްގައި އޭނާ ފުރުއްވަމުން ގެންދަވާ ތިންވަނަ ދައުރެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބުނު މަދު ދާއިރާތަކުގެ ތެރޭގައި ގަޕޯ މެންބަރުކަން ކުރައްވަމުން ގެންދަވާ ހަނިމާދޫ ދާއިރާ ހިމެނެއެވެ.

ހަނިމާދޫ ދާއިރާ ގޮނޑިއަށް ގަޕޯ ވާދަކުރައްވަން ނިންމެވިއިރު، މިފެށޭ ރިޔާސީ ދައުރު، ސަރުކާރާ ހަވާލުވާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލާކަން ބައެއް ފަރާތްތަކުން ވަނީ އިއުލާާންކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމް ހަނިމާދޫ ސްޓެއަރިން ކޮމެޓީގެ ރައީސް، އިދުރީސް އަބުދުﷲ (އިއްދި) އާއި ހަނިމާދޫ ޕީޕީއެމް މެންބަރު އަހްމަދު އަބުދުލްވާހިދު ހިމެނެއެވެ. މީގެ އިތުރުން ރަސްމީކޮށް ޢިއުލާން ނުކުރި ނަމަވެސް އިތުރު ބައެއް ބޭފުޅުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި އެ ގޮނޑިއަށް ވާދަކުރުމަށް ޕްރައިމަރީއަށް ތައްޔާރުވަމުން އަންނަކަމަށް ވަނީ އަޑުފެތުރިފައެވެ.

އިދުރީސް އަބުދުﷲ، ފޮޓޯ:ޕީޕީއެމް

ބޮޑު ތިލަދުންމަތީގެ މިހާރުގެ ބައެއް މެންބަރުންކުރެ އަންނަ މަޖިލިސް އިންތިޚާބަށް ގަޕޯ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ އިތުރުން ބައެއް އިތުރު މެންބަރުން ކުރިމަތިލައްވާކަމަށް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް އެކަން ބައެއް މެންބަރުން ރަސްމީކޮށް ޢިއުލާން ކުރެއްވިކަމެއް ނޭނގެއެވެ.

ބޮޑު ތިލަދުންމަތީގެ ބައެއް ދާއިރާތަކުގައި ކުރީގެ މެންބަރުކަން ކުރެއްވި ބައެއް ބޭފުޅުން އަންނަ ދައުރަށް ކުރިމަތިލުމަށް މިހާރު ވަނީ ޕްރައިމަރީއަށް ކެމްޕޭން ފައްޓަވާފައެވެ. އޭގެ ތެރޭގައި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީފްބެ) އާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ހިމެނެއެވެ. އެބޭފުޅުން މަޖިލިސްއަށް ވާދަކުރައްވަން ނިންމަވާފައި ވަނީ ޕީޕީއެމް/ޕީއެންސީ ޓިކެޓް ގައެވެ.