ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން އުޅެނީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
އާޒިމް އެގޮތަށް ވިދާޅުވީ މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރުމާ ގުޅިގެންނެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރީ ގަވައިދާ ހިލާފަށް ކަމަށާއި ތި ބާވަތުގެ ކަންކަން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ނުހެދޭނެ ކަމަށެވެ.
"އިއްޔެ އިތުބާރު ނެތް، ޖެހިގެން އައި ހަފްތާގައި އިތުބާރު އެބައޮތް. އަނެއް ހަފްތާގައި އިތުބާރެއް ނެތް. ތިކަމެއް ތިގޮތަކަށް ނުވާނެ،" އާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައި ވާތީ، ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދުނޫން ދުވަހަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން ނަޝީދަށް ބައިގަޑިއިރު ދިނުމަށް އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ. ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށާއި، މަޖިލީހުގެ މެންބަރުންނަށް ފޮނުއްވާފައި ވަނީ މި މަހުގެ 12 ގައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ. އަދި އެ މައްސަލަ އެޖެންޑާކުރުމުގެ ކުރިިން ދިފާއުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތާއި އެކަމަށް ކަނޑައަޅާ ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅަން ޖެހޭނެއެވެ.
އެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ދެން މަޖިލީހުގެ މަސައްކަތްތަށް ކުރެވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެއެވެ.
އެމްޑީޕީން ވަނީ މީގެ ކުރިން ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ނަޝީދު އެ މައްސަލަ އެޖެންޑާ ނުކުރައްވާ ރިޔާސީ އިންތިހާބާއި ޖެހެންދެން ވެސް ދިގު ދަންމާލީއެވެ.
އެންމެ ފަހުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރައްވާނެ ކަމުގެ އުންމީދުގައި އެމްޑީޕީން ވަނީ މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!