އިހުގައި ދިރިއުޅުނު މީހުން އެ މީހުން ދިރިއުޅުމަށް ކުރި މަސައްކަތްތަކާއި އުޅުނު ގޮތްތަކާއި އާދަކާދައާއި އަދި އެ މީހުންގެ ކާބަފައިނެގެ ދުވަސްވަރު ހިނގާފައިވާ ކަންކަމުގެ މައުލޫމާތު ހޯދައި ފޮތެއްގެ ސިފައިގައި ލިޔެ ޖަމާކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ.
ދިވެހި ތާރީހަށް ހާއްސަ ލޯތްބެއް އޮންނަ ށ.ކަނޑިތީމް ހަސަން ޒަރީރު (ލަގަން) މީގެ ވިއްސަކަށް އަހަރު ކުރިން ލިޔުއްވަން ފެއްޓެވި "އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން" މި ފޮތް އިއްޔެ ރަސްމީކޮށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ ނެރެދެއްވާފައެވެ.
އިހުގެ އެތައް ވާހަކަތަކެއް ވަރަށް ތަފްސީލްކޮށް ގެނެސްދީފައިވާ މި ފޮތުގައި ހަތަރު ސަތޭކައަށްވުރެ ގިނަ ސަފުހާ ހިމެނެއެވެ. ށ.އަތޮޅު މަދަރުސާގައި ދިވެހި މުދައްރިސެއްގެ މަގާމު އަދާކުރަމުން އަނަން ޒަރީރު، ލިބޭ ހުސްވަގުތުގައި މިހާބޮޑު ތާރީހީ މަސައްކަތެއް ފުރިހަމަކަމާއިއެކު ނިންމާލައި ކިޔުންތެރިންނާއި ހިސާބަށް ގެނެސްދިނުމުން ހާމަވާ އެންމެ ބޮޑު ހަގީގަތަކީ ދިވެހި ތާރީހަށް އޭނާގެ ހިތުގައި ދެވިފައިވާ ހާއްސަ ލޯތްބެވެ.
ށ. އަތޮޅު މަދަރުސާގައި ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ށ. ކަނޑިތީމު، އަލްފާޟިލް ހަސަން ޒަރީރު (ލަގަން) ލިޔުއްވި "އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން"، މި ފޮތް، މިނިސްޓަރ @aisthly މިއަދު ރަސްމީކޮށް ނެރެދެއްވުން. pic.twitter.com/HzuMNmDZ3S
— Ministry of Education (@MoEdumv) October 19, 2023
މި ފޮތުގައި އޭރުގެ ދަނޑުވެރިކަމާއި މަސްވެރިކަމާއި ބޭސްވެރިކަމާއި ބޭރު ދަތުރު ކުރުމާއި ވިޔަފާރި ކުރުންފަދަ ކަންކަމަށް އަލިއަޅުވާލައި ވަރަށް ތަފްސީލީ މައުލޫމާތު ވަނީ ހިމަނާފައެވެ.
މިފޮތުން ފާހަގަ ކުރެވޭ އެއް ތަފާތަކީ އާންމުކޮށް މީހުން ލިޔެ ނޫޅޭކަހަލަ ބައެއް ކަންކަމުގެ މައްޗަށް ދިރާސާކޮށް ހިމަނާފައިވާ ތަފްސީލީ މައުލޫމާތެވެ. މިގޮތުން އިހުގައި ދިވެހިންގެ ތެރޭގައި އޮތް އާދައެއްކަމަށްވާ އަރާރުންވުމާއި މީހުން ކައިރިޔަށް ވަނުމާއި އިހުގައި ނަހަލާލަށް ބަލިވެ އިންނަ މީހާއާއި މެދު މުޖުތަމައު ދެކޭގޮތާއި ވައްކަންކުރާ މީހާއާއިމެދި އޭރު އަމަލުކުރެވެމުން އައި ގޮތާއި ކައިރި ރަށްރަށާއި އޮންނަ ދެބަސްވުންތަކާއި ތަޅާފޮޅުންތަކުގެ ވާހަކަ މިފޮތުގައި ވަނީ ހިމަނާފައެވެ. މީގެއިތުރުން ކަނޑިތީމުގެ ތާރީހީ އެތައް މައުލޫމާތެއް މިފޮތުގައި ވަނީ ގެނެސްދީފައެވެ.
— Zuvaan Masveriya (@ZuvaanMasveriya) October 19, 2023
މި ފޮތާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ޒަރީރު ބުނީ މި ފޮތުގެ މަސައްކަތް ފެށީ މީގެ ވިއްސަކަށް އަހަރު ކުރިން ކަމަށާއި އެއީ ކޮމްޕިއުޓަރުގެ ޒަމާން ނޫން ކަމަށެވެ.
މި ފޮތް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ދިމާވި ގޮންޖެހުންތައް ފާހަގަ ކުރަމުން އޭނާ ބުނީ އިންޓަވިއު ނަގަން އެކަކު ކައިރިއަށް އެތައް ފަހަރަކު ދާން ޖެހުމާއި، ގަޑިކިޔާފައި އިންޓަވިއު ނަގަން ދިޔުމުން އިންޓަވިއު ނުދީ ފިލުންފަދަ ކަންކަމާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
މި ފޮތަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އައްޑިހައަށްވުރެ ގިނަ މީހުންނާއި އޭނާ އިންޓަވިއު ކޮށްފައިވާއިރު، އެއްކުރަމުން ދިޔަ މައުލޫމާތުތަކާއި ގުޅުންހުރި ރަށްރަށަށް އޭނާ ވަނީ، ދަތުރު ވެސް ކޮށްފައެވެ. މިގޮތުން އަތޮޅުތެރެއިން ފޯކައިދޫ، ބިލެތްފަހި ގޮއިދޫ ފަދަ ރަށްރަށަށް ވަނީ ދަތުރު ކޮށްފައެވެ. ހދ.މަކުނުދޫގެ އިތުރުން މާލެއަށް ވެސް މި ފޮތަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އޭނާ ވަނީ ދަތުރު ކޮށްފައެވެ.
ޒަރީރުގެ ބުރަ މަސައްކަތުން އެކުލަވާލި މި ފޮތަކީ ދިވެހި ތާރީހަށް ގިނަ ފައިދާ ކުރާނެ ފޮތެއްކަން ޔަގީނެވެ. ޒަރީރުގެ މަސައްކަތް ބަލައިގަނެ އެޑިއުކޭޝަން މިނިސްޓަ އައިޝަތު އަލީ ވިދާޅުވެފައި ވަނީ ކަނޑިތީމަށާއި ދިވެހި ގައުމަށް އަގުހުރި މަސައްކަތެއް ހަދިޔާ ކޮށްދެއްވީތީ ޒަރީރަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިނިސްޓަރ ވަނީ ދިވެހި ތާރީހަށް ލޯބިކުރައްވާ ބޭފުޅުން ކިޔާލެއްވުމަށް މިއީ ވަރަށް ރަނގަޅު ފޮތެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ފޮތުގެ ސިފަކުރުންތަކާއި އިބާރާތްތަކުގެ ފުރިހަމަކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!