ޕީއެންސީގެ ސަރުކާރެއްގައި ދިވެހިބަހާއި ސަގާފަތަށް އިސްކަންދޭން ޚާއްސަ ވުޒާރާއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިލްމުވެރިންނާއި އުސްތާޒުންނާ އެކު މީރުމާ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ވުޒާރާ ވެގެންދާނީ ރާއްޖޭގެ އަމިއްލަވަންތަކަން އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ވުޒާރާއަކަށް ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ދިވެހި ބަހާއި އިސްލާމް ދީނާއި ސަގާފަތާ އާދަކާދައަށް އިސްކަން ނުދޭ މިންވަރަށް އެ މަނިކުފާނުގެ ވެރިކަމުގައި އިސްކަން ދޭނެ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ވެސް ވަކި މާއްދާއެއް ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭނެކަމަށް ވިދާޅުވިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ކެމްޕެއިންގައި ދެންނެވި ފަދައިން އަދި މެނިފެސްޓޯގައި ވެސް އޮތް ފަދައިން ނެޝަނަލް ރިސާޗް ފަންޑެއް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި މިކަން ކުރާނީ ބަޖެޓުގައި ހިމަނައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރުން ދީނީ ދާއިރާތަކުންނާއި އަދަބީ ދާއިރާތަކުންނާއި ގައުމިއްޔަތުގެ އެކި ދާއިރާތަކުން ވެސް ރިސާޗު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!