ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ވޮލަންޓިއަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ.
މިޑްލް ސްޕޯޓްސް ކުލަބުން މައުލޫމާތު ދީފައިވާ ގޮތުގައި މި އަހަރު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ހިންގުމުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ އެކަމަށް ބައެއް ފަރާތްތަކުން އެދެމުން އައުމާއިއެކު، ހަމަހަމަ ގޮތެއްގައި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމުގެ ބޭނުމުގައެވެ.
މިޑްލް ސްޕޯޓްސް އިން ހިންގަމުން އަންނަ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި އާންމުކޮށް އޮފިޝަލުންގެ ގޮތުގައި ސާޅީހަށްވުރެ ގިނަ ފަރާތް ހަރަކާތްތެރިވެއެވެ. އޭގެތެރެއިން ހަތްދިހަ އިންސައްތައަކީ ސްކޫލް ކުދިންނެވެ. ސްކޫލް ކުދިންނަށް ފުރުޞަތުދީ މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ކެރިގެން މަސައްކަތް ކުރުމުގެ ހިތްވަރު އެ ކުދިންނަށް ހޯދައިދިނުމަކީ މިޑްލް ސްޕޯޓްސްގެ އުންމީދެވެ.
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން ސަބްމިޓް ކުރެއްވުމަށް އެ ކުލަބުން އެދިލައްވައެވެ.
މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން "ދިއްދޫ އެންމެ އަލިގަދަތަރި" ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިޑްލް ސްޕޯޓްސް ކުލަބުން، މި އަހަރު މި މުބާރާތް މުޅި އަތޮޅަށް ހުޅުވާލާނެކަން ވަނީ އިޢުލާން ކޮށްފައެވެ. ވުމާއިއެކު މި އަހަރު މި މުބާރާތް ކުރިއަށް ގެންދަނީ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ނަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!