ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަ ކުރާއިރު، އަޒުމް ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހް ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި އެމަނިކުފާނު މިއަދު ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަ ކުރާ މުނާސަބަތުގައި ދިވެހިން ގަދައަޅައި މަސައްކަތް ކުރަންވީ އެކަލޭގެފާނުގެ ސީރަތުން އިންސާނިއްޔަތަށް އަލިކޮށްދިން ފަދަ ދޯދިތަކުން ހަޔާތަށް އަލިކަން ހޯދުމަށް ކަމަށެވެ.

Ad
rt

މައިންބަފައިންނަށް ކަމޭހިތުމާއެކު އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ދަމަހައްޓައި، އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމަކީ އޯގާތެރިކަމުގެ މާތް ނަބިއްޔާގެ ރިސާލަތުގެ އެންމެ ވަސްމީރު ހުވަނދު ކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ނަބަވީ ރިސާލަތުގެ އެންމެ އަގުބޮޑު ޖައުހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަލޭގެފާނު އަމަލީ ގޮތުން ދެއްކެވި އަދަބު އަހުލާގުގެ މަތިވެރި ސިފަތަކަކީ އިސްލާމީ ރިސާލަތުގެ އެންމެ ފަރި ފޭރާން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިތުރު އެކަލޭގެފާނު ދުނިޔެ އަށް ސާބިތުކޮށް ދެއްވި އެންމެ ބޮޑު ހަގީގަތަކީ މުޖުތަމައު އިސްލާހު ކުރުމުގެ ބިންގަލަކީ ކޮންމެ ކަމެއް ވެސް ތިމާގެ އަމިއްލަ ނަފްސުން ފެށުމެވެ. މީސްތަކުން ކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވި ކޮންމެ ކަމެއްގައި، އެންމެ ފުރަތަމަ ނަމޫނާ ދެއްކެވީ އެކަލޭގެފާނެވެ. މީސްތަކުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން، އެންމެ ފުރަތަމަ ދުރުހެލިވެވަޑައިގަތީ ވެސް ހަމަ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކާއި ކޮންމެ އަމަލުފުޅަކުން ފެންނަން އޮތީ، އަހްލާގީ އެންމެ މާތް ސިފަތަކެވެ. އަނެކުންނަށް އިހްތިރާމް ކުރުމާއި އޯގާތެރިވުމާއި އަފޫ ކުރެއްވުމާއި އެހީތެރިވުމުގައި އެއަށްވުރެ ވަކިން ފުރިހަމަ މިސާލެއް ނެތް ފަދައިން އެކަންކަން ކުރެއްވިއެވެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި އެމަނިކުފާނު ވަނީ ކީރިތި ރަސޫލާ އަމަލީ ގޮތުން ދެއްކެވި އަދަބު އަހްލާގްގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ދިވެހި މުޖުތަމައު އެދި ގޮވަނީ މިފަދަ ރިވެތި އަހުލާގީ ސިފަތަކުން އިޖްތިމާއީ ދިރުން އާލާކުރުމަށެވެ. ނަފްރަތާއި ހަސަދައިން އެއްކިބާވެ އަނެކުންނަށް އިހްތިރާމްކޮށް، މުޖްތަމައު އަށް ހިނިތުވުން ގެނެސް ދިނުމަށް މުޖުތަމައު އެދި ގޮވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާ ހާލު އަނެކުންނަށް އެހީތެރިކަން ފޯރުވައި، އިންސާނީ އަހުވަންތަކަން ގާއިމު ކުރުމަށެވެ. އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ހުރިހާ ހާލަތެއްގައި ވެސް ނޫނެކޭ ބުނެ، ކޮންމެ ހާލަތެއްގައި ވެސް ސުލްހަ އާއި ހަމަޖެހުމާއި އަމާންކަން އިސްކަން ދިނުމަށެވެ،" ރައީސް ވިދާޅުވިއެވެ.