ރ އަތޮޅު އިފުރު އެއަޕޯޓާއެކު އެ ރަށުގައި ތަރައްގީ ކުރި "އިފުރު އައިލެންޑް މޯލްޑިވްސް" ރިސޯޓު ހުޅުވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ހުޅުވި މި ރިސޯޓަކީ ރާއްޖޭގައި އެއާޕޯޓަކާއެކު ތަރައްގީ ކުރި ދެ ވަނަ ރިސޯޓެވެ. އަދި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 147 ވިލާ މި ރިސޯޓުގައި ހިމެނެއެވެ.
އިފުރު އައިލެންޑް މޯލްޑިވްސްގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުންތަކަށް ހާއްސަ ހަ ރެސްޓޯރެންޓަކާއި ހަތަރު ބާ އާއި ޓޫރިސްޓުންނަށް ހާއްސަ އެތައް ފެސިލިޓީއެއް ހިމެނެ އެވެ. އޭގެތެރޭގައި ޓޫރިސްޓުންނަށް ތަފާތު އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި 24 ގަޑިއިރު ހިދުމަތް ލިބޭ ފިޓްނެސް ސެންޓަރެއް ވެސް ހިމެނެ އެވެ.
އިފުރު އެއާޕޯޓާއި ރިސޯޓު ތަރައްގީކުރީ ކޯސްޓްލައިން ކުންފުނީގެ ހިއްސާ އޮންނަ އިފުރު އިންވެސްޓްމަންޓްސް އިންނެވެ. އަދި ރިސޯޓްގެ ލީސް ރައިޓްސް އޭރު އޮތީ ކޯސްޓްލައިން ގްރޫޕް އޮފް ކޮމްޕެނީޒް އާއި އޮސްޓްރޭލިއާގެ ހޮސްޕިޓާލިޓީ ސްޓްރެޓެޖީޒް ގުޅިގެން 2012 ވަނަ އަހަރު އުފައްދާފައިވާ ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަން މަތީގައެވެ.
އިފުރު އެއާޕޯޓު އޮޕަރޭޓު ކުރަމުން އަންނަނީ އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ތަރައްގީކުރި އެއާޕޯޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!