މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދިނުމަށް ވަރަށް އަވަހަށް ހައުސިން ސްކީމެއް އިއުލާން ކުރައްވާނެ ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލެއަށް ހިޖުރު ކޮށްފައިވާ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މާލޭގެ ރަށްވެހިންގެ ތެރެއިން 19،842 މީހަކަށް ގޯތި ދޫކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފްލެޓަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރޭގައި 16،923 މީހުން ހިމެނޭ ކަމަށާއި އެ މީހުންނަށް ވެސް ފްލެޓް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Ad
rt

"މިއަދު ވެސް 4000 ފްލެޓްގެ މަސައްކަތް އެބަ ކުރިއަށްދޭ، އަނެއް 4000 ފްލެޓްގައި ވަނީ ސޮއިކޮށް ނިންމާފައި. ބާކީ އޮތް ބައި ދެވަނަ ދައުރުގައި ކޮށް ނިންމަދޭނަން." ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ މީހުން ތިބި އިރު، އެމީހުންނަކީ އަމިއްލަ ރަށުން ވެސް ގޯތި ލިބުމަށް ހުރަސްތަކެއް ހުރި މީހުން ކަމަށެވެ.

"އެބަ އުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،" ރައީސް ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން މާލޭގެ ދަފްތަރުގައި ޖެހި 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާކަން ސާބިތުކޮށްދެވޭ ކޮންމެ މީހަކަށް ވެސް ފްލެޓަށާއި ގޯއްޗަށް އެދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ސިޔާސަތުތައް ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެވަނީ ކަނޑައަޅާފައި. މާލޭ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ދާއިމީ ހައްލެއް މި ސިޔާސަތުން ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުންނެވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމަކާ އެކު ކަމަށެވެ. އެކަން ކާމިޔާބު ނުވީ ޕާޓީތަކުން ވަކިވަކީން ނިކުމެ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް މަސައްކަތް ކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތައް އޮތީ ދެވަނަ ބުރަކަށް ވެސް ތައްޔާރު ވެގެން ކަމަށާއި ދެވަަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.