ހދ. ވައިކަރަދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އިއްޔެ ވައިކަރަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު އަދިވެސް ހޭ ނާރާ ކަމަށެވެ. އަދި އަނެއް މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

Ad
rt

އެކްސިޑެންޓާއި ގުޅިގެން އަނިޔާވި ދެ މީހުންވެސް މާލެ ގެނެސްފައިވަނީ އެމަޖެންސީގައި ޗާޓަރު ފްލައިޓެއްގަ އެވެ.

ދެ ސައިކަލެއް ޖެހިގެން އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ވައިކަރަދޫ ފެމޯރާގެ، އުމުރުން 48 އަހަރުގެ މުހައްމަދު ޒާހިރުގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވެއެވެ. އެގޮތުން އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފައިވާކަމަށް ބުނެފައި ވެއެވެ.