ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް މުއިއްޒުގެ ހާއްސަ ޓީމެއް ފާރިސް އާ ބައްދަލުކޮށްފިއެވެ.
ޕީޕީއެމް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޚާއްސަ ޓީމާއި ފާރިސް މައުމޫނާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިއިވާ ކަމަށެވެ.
މިއަދު ބޭއްވި މި މިބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ ޕާޓީ އިން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާއިރު، މި ބުރުގައި ވާދަކުރަނީ ސެޕްޓެމްބަރު މަހުގެ 9 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި ދެ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
މި ދެ ޕާޓީން އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާއިރު، ޕީޕީއެމް އާއެކު ދެވަނަ ބުރުގައި މަސައްކަތް ކުރުމަށް މިހައިތަނަށް އެއްބަސްވެފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނެވެ. އެ ޕާޓީން ޕީޕީއެމް ކޯލިޝަނާއި އެކު މަސައްކަތް ކުރުމަށް ނިންމާފައިވަނީ އެއްވެސް ޝަރުތަކާއި ނުލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!