ހދ. ނެއްލައިދޫގެ އައު ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އައު އިންޖީނުގެއާއި އެ އަތޮޅުގެ މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފިއެވެ.
މި ދެތަން ހުޅުއްވައިދެއްވީ މި ހަގުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ނެއްލައިދޫ އައު އިންޖީނުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 22 އަހަރުވީ އިންޖީނުގެ ނިއްވައި އައު އިންޖީނުގެއިން ވަނީ ހިދުމަތް ދޭން ފަށައިފައެވެ. މިއީ 4234.5 އަކަފޫޓު ބޮޑު އިންޖީނުގެއެކެވެ.
މީގެ ކުރިން އެ ރަށުގައި ހުރި އިންޖީނުގޭގައި ކޮންޓްރޯލް ރޫމް އަދި ޑެގު ރޫމް އެކަނި ހުރި ނަމަވެސް އައު އިންޖީނުގޭގައި ކޮންޓްރޯލް ރޫމް ، އިންޖީން ރޫމް، ޗިމްނީ، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، އަދި ވޯރކްޝޮޕް ވަނީ ގާއިމްކޮށްފައެވެ.
އައު އިންޖީނުގެއާއެކު ނެއްލައިދޫގެ ޖެންސެޓް ކެޕޭސޓީ ވަނީ 980 ކިލޯވޮޓަށް އިތުރުވެފައެވެ. އައު އިންޖީނުގެ ތަރައްގީ ކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.
މަކުނުދޫ ފެނަކަ އޮފީސް އިމާރާތަކީ 48.7 ފޫޓު، 31.7 ފޫޓުގެ ބޮޑު އިމާރާތެކެވެ. މި އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭއިރު މެނޭޖަ ރޫމް، މީޓިން ރޫމް، ޓެކްނިކަލް ސްޓާފް އޮފީސް، ގެސްޓްރޫމް، ރިސެޕްޝަން އޭރިއާ، އެޑްމިން ސްޓާފް އޭރިއާ، 3 ފާޚާނާ، ސްޓޯރ ރޫމް އަދި ޕޭންޓްރީ ވަނީ ގާއިމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!