ސްޕެއިންގެ ރެއާލް މެޑްރިޑަށާއި ފްރާންސްގެ ޕީއެސްޖީއަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރ ސާޖިއޯ ރާމޯސް އޭނާގެ ކުޑައިރުގެ ކުލަބް ކަމަށްވާ ސެވިއްޔާއާއި ގުޅެން އެއްބަސް ވެއްޖެއެވެ.
ރާމޯސް ފުޓްބޯޅައިގެ ސީނިއާ ކެރިއާ ފަށާފައި ވަނީ ސެވިއްޔާއިންނެވެ. ސެވިއްޔާގައި ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ އެ ޓީމަށް 50 މެޗު ކުޅެފައެވެ.
ރާމޯސް ރެއާލް މެޑްރިޑަށް ބަދަލުވެފައި ވަނީ 2005 ވަނަ އަހަރުއެވެ. ރެއާލުގައި އޭނާ ހޭދަކުރި 16 އަހަރުގެ މުއްދަތުގައި އޭނާ ވަނީ 22 ތައްޓެއް އެ ޓީމާއިއެކު ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ހަތަރު ތަށި ހިމެނެއެވެ.
ރާމޯސް ރެއާލް ދޫކޮށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ޕީއެސްޖީއަށް ކުޅުނު ދެ އަހަރު އެ ޓީމާއިއެކު އޭނާ ވަނީ ފްރާންސް ލީގު ކާމިޔާބު ކޮށްފައެވެ. ޕީއެސްޖީއަށް ދެ ސީޒަން ކުޅުމަށް ފަހު އޭނާ އެ ކުލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ކުލަބުން ވަނީ އޭނާ ދޫކޮށްލާފައެވެ.
އުމުރުން 37 އަހަރުގެ ރާމޯސް ހޯދުމަށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިހާދުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެ ޔޫރަޕުގައި މަޑުކުރަން ނިންމާފައެވެ.
ރާމޯސްއަކީ ސްޕެއިންގައި އުފެދުނު ގޯލްޑެން ޖެނެރޭޝަންގެ ކުޅުންތެރިއެކެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއިއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި 2012 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!