ގައުމުގެ ވެރިކަން ނުބައި މީހަކާ ހަވާލުކުރެވިއްޖެނަމަ، ހަނިމާދޫއާއި އައްޑޫ ވެސް ދިވެހިންނަށް ގެއްލިދާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމްގެ ރަސްމީ ކެމްޕޭން އެޖެންޓު އަދި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ، ޤާސިމްގެ ކެމްޕެއިނަށް އދ. ދިގުރަށަށް ވަޑައިގެން އިއްޔެ އެރަށުގައި ދެއްކެވި ވާހަކާގައެވެ.
އަލީ ވަހީދު ވިދާއަޅުވީ، މިއަދު އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި އެކަމުގެ ބިރުވެރިކަމާއި ކަންބޮޑުވުން އޮތް މިންވަރު ފާޅުކޮށް އަޑުއުފުލުމުން، ސަރުކާރުގެ ފަރާތްތަކުން އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް އެއްވެސް ފަރުވާލެއް ނެތްކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ރާއްޖެއިން އިސްލާމްދީން ފޮހެލާފާނެކަމުގެ ބިރުއެބައޮތް ކަމަށާއި، ހުރިހާ ދިމާލަކުން ބެލިއަސް ދިވެހިންނާ ދިމާލަށް ހުރީ ލޮންސިތައް އަމާޒުވެފައި ކަމަށެވެ.
''އެހެންވީމަ މިފަދަ ދަނޑިވަޅެއްގައި ގައުމުގެ ވެރިކަން ނުބައި މީހަކާ ހަވާލުކުރެވިއްޖެނަމަ، މަލިކު ގެއްލުނުހެން ހަނިމާދޫ ގެއްލި، އައްޑޫ ގެއްލި 2026 ވަަނަ އަހަރު މި ގައުމު ދަރައި، ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ.'' ޢަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަކީ، ރީތި ކޮހިނޫރަށްވުރެ އަގުބޮޑު ޖަވާހިރެއް ކަމަށެވެ. އަދި މިގައުމުގެ މިނިވަންކަމުގެ އަގުމާބޮޑު ކަމަށް ވެސް ވިދާޅުވިއެވެ.
''އެހެންނަމަވެސް އިންޑިއާގެ ކުރިމަތީ ކުޑަކަކޫޖަހާ ވެރިން ގައުމުގެ މިނިވަންކަން ވިއްކާލީމާ މިއީ ވަރަށް ބޮޑު ހިޔާނާތެއް ". އަލީ ވަހީދު ވިދާޅުވިއެވެ.
ކޯވިޑަށްފަހު ގައުމު ރަގަޅަށް ހަމައަކަށް ނޭޅި، ހަމަ މުސާރަ ނުލިބިގެން އުޅޭ އިރު، ވެރިން ގައުމުގެ މިނިވަންކަން ވިއްކާލާ ކެމްޕޭނަށް ފައިސާ ހޯދާ ވެރިކަން ހޯދަން ނިކުތީމާ މިއީ ދިވެހި ރައްޔިތުން ނިކަމެތިކޮށްލުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
''ބިރިޔާނީ އަކަށް އިންޑިއާ މީހުންނަށް ގައުމު ވިއްކާލީމާ'' އެކަމާ ދެކޮޅަށް ނުކުންނާނެ މީހުން ހުރިހާ ޕާޓީއެއްގައި ވެސް އުޅޭނެ ކަމަށާއި މިފަހަރުގެ ވޯޓުން ވެސް ރައްޔިތުން އެކަންދައްކާނެކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!