ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ފުލް ގިއަރުގައި ފެން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީ އިން ހުޅުމާލޭގައި ގާއިމްކުރި ފެން އުފައްދާ އައު ޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ވިދާޅުވީ ފެން ލިބުމުގެ ދަތިކަމެއް އިޙްސާސް ކުރަން ޖެހިއްޖެނަމަ އަޅުގަނޑުމެންގެ ދިރިއުޅުމަށް ވެސް އަކުމުގެ އަސަރު ކުރާ ކަމަށާއި 24 ގަޑިއިރު ފެން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި ހުޅުމާލެގައި އާބާދުވާ މީހުންގެ ނިސްބަތް އިތުރުވަމުން އައުމާއެކު އެތަނުގައި އުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްނުދެވިދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ.
އެހެންނަމަވެސް އެމްޑަބްލިއުއެއްސީން ހުޅުމާލެގައި ގާއިމްކުރި އާރް އޯ ޕްލާންޓާއެކު އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްދިނުމުގެ ޔަގީންކަން ލިބިގެން ހިނގައްޖެކަމަށް ވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ފެން އުފެއްދުމުގެ މަސައްކަތަކީ ނިމުމެއް އަންނާނެ މަސައްކަތެއް ނޫން ކަން ވެސް ފާހަގަ ކުރައްވާފައެވެ. އަދި ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތަކަށް މީހުން ބަދަލުވާންވާއިރަށް އެ ރައްޔިތުންނަށް ވެސް ފެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިނުވެ، ފެން އުފައްދާ މިންވަރު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީ އިން ވިދާޅުވާ ގޮތުގައި ދުވާލެއްގެ މައްޗަށް ހުޅުމާލެއަށް 11000 ޓަނުގެ ފެން ބޭނުންވާއިރު، މި ޕްލާންޓްގެ ސަބަބުން ހުޅުމާލެއަށް ދަތިނުވެ ފެން ލިބޭނެއެވެ. އަދި ދުވާލަކު 13000 ޓަނުގެ ފެން އުފައްދާ 2 ޓޭންކު ބެހެއްޓުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!