ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް (ޕީޕީއެމް/ޕީއެންސީ) ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭން އެ ކޯލިޝަނުން ވަޢުދުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސްކަމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިޒު އަދި ނައިބު ރައީސްކަމަށް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

Ad
rt

މިރޭ އިޢުލާންކުރި އެ ކޯލިޝަނުގެ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން ސިޔާސަތުގައި ކަނޑައަޅާފައިވަނީ ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢެއްގެ ދަށުން ސިޓީތަކުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، އެހެނިހެން މަގުތަކުގައި ގައު އަތުރައިގެން ތަރައްޤީކުރުމަށެވެ.

"ޞިއްޙަތާއި އަދި ތިމާވެށްޓާއި ރަޙްމަތްތެރި އީ-ބައިކް ނިޒާމެއް ހުރިހާ ސިޓީއެއްގައި ޤާއިމުކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދާނަން." ޑރ. މުއިއްޒުގެ ސިޔާސަތުގައި ކަނޑައަޅާފައިވެއެވެ.

ހުރިހާ ސިޓީތަކެއްގެ މަގުތައް ތަރައްޤީކުރާއިރު، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލަން އެ ކޯލިޝަނުން ވަޢުދުވެފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަސާސީ ޚިދްމަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، މަތީ ފަންތީގެ ޚިދްމަތްތައް ހޯދުމަށް އަވަސް ދުވެލީގެ ދަތުރުފަތުރާއި ޑިޖިޓަލް ވިއުގައެއްގެ ގުޅުން ޤާއިމުކުރައްވާނެކަމަށް މުއިއްޒު ވަނީ ވަޢުދުވަޑައިގެންފައެވެ.

"ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އިތުރު ފައިސާ ހޯދުމުގެ މާތް ނިޔަތުގައި، ހުރިހާ ސިޓީއެއްގައި ވަޤްފު ބިންތައް އިތުރުކުރާނަން." މުއިއްޒުގެ ސިޔާސަތުގައި ވެއެވެ.

މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުންދަނީ ރަށްތަކުގެ އަސާސޯ ކަންކަން ކޮށްދޭން ވަޢުދުވާން ނުޖެހޭނެ ކަމަށާއި، އެކަނަކަން އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށެވެ.