މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް - އައިކާއޯ 054) ކޯހެއް ފަށައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކޯސް 6 ބައިވެރިންނާއެކު ޖުލައި 30 ން ސެޕްޓެމްބަރު 21 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

Ad
rt

އެމްއޭސީއެލް އިން ވިދާޅުވީ މި ތަމްރީނުތަކުގައި މުދައްރިބެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާނީ ގްލޯބަލް އޭ.ޓީ.އެސް/ ޔޫ.ކޭގެ ރިޗަޑް ތޯމަސް ސްމިތު ކަމަށެވެ. އަދި މުދައްރިބުންގެ ގޮތުގައި އެމްއޭސީއެލްގެ މުހައްމަދު އަތުހަރު އާއި އަހުމަދު ނަޒީރު ވެސް ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެއެވެ.

އެމްއޭސީއެލް އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށްވުމާއެކު، މި ކޯހަކީ ވެސް ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތެކެވެ.

އެމްއޭސީއެލް އިން ވަނީ 2023 ވަނަ އަހަރު އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ ދެ ކޯހެއް ވެސް އިފްތިތާހުކޮށްފައެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) އެވެ. އެއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލް އިން ހުޅުވީ 2021 ވަނަ އަހަރުއެވެ. މި ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެކެވެ.

އެމްއޭސީއެލްގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް އެންމެ މަތީ ފަންތީގެ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފުރަތަމަ ފަހަރަށް އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ދެވެން ފެށުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.