ބޮޑު ތިލަދުންމައްޗަށް ގެންނަ "ބޮޑުބަދަލުގެ" ކުރީ ސަފުގައި ކެލާ ހިމެނޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަތޮޅަށް މިހާތުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެލައަށް ވަޑައިގެންބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

އެރަށް މިއަދާއި ހަމައަށް ކުރިނާރާ އޮތް ސަބަބު ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރަކުން ކުރަން ޖެހޭ ކަންތައްތައް ނުކޮށް އޮތުމުގެ ސަބަބުން ކަމަށާއި ތަރައްގީ ނުވެ އޮތީ ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުނުކޮށްދެވި އޮތުމުން ކަމަށެވެ.

އެހެންނަމަވެސް ކެލައަކީ ބޮޑު އަދި އުންމީދީ ރަށެއް ކަމަށާއި އެއީ ތަރައްގީ ފެނިގެންދާނެ ރަށެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ އިގްތިސޯދު ކުރިއެރުވޭނެ ރަށެއް ކަމަށެވެ.

"މުޅި ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމުގެ ވިސްނުން ޕްލޭންގައި އެބަ އޮތް. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ބޮޑު ތިލަދުންމަތީގައި ފެށިގެންދާނެ. ބޮޑުތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލުގެ އެންމެ ކުރީ ސަފުގައި ކެލާ ހިމެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.

އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއިއެކުގައި ބޮޑުތިލަދުންމައްޗަށް އަންނަ ހެޔޮ ބޮޑު ބަދަލުގެ އަސަރު އެންމެ ރަނގަޅަށް ކުރާނީ ކެލައަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކެލާގައި ޓޫރިޒަމަށް ބިން ވަކިކޮށް ކުއްޔަށް ދިނުމަށް ކައުންސިލާއި ހަވާލު ކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވަނީ އެބިން ދޫކޮށް އެބިންތައް ޓޫރިޒަމަށް ފައްކާކުރުމުގެ މަސައްކަތްތައް މިހާރުކުރެވެމުންދާކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ ކެލާގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާނެ ކަންތައްތަކެއް ކުރުމަށް 2018 ވަނަ އަހަރު ވައުދުވި ކަމަށާއި އޭގެ ގިނަ މަސައްކަތްތައް ފެށި ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.