ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިވެރިންނަށް ހާއްސަ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭގެ ރެނާޓަސް އިތާމުއި ފްލެޓުތަކުގެ ތިރީގައި ރޭ ހުޅުވި މި ސެންޓަރު ހުޅުވާދެއްވި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އެވެ. މިއީ ވިޔަފާރިތަކަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ހުޅުވި ދެވަނަ ސެންޓަރެވެ.

Ad
rt

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބޭއިރު ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، މި ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެ އެވެ. މީގެއިތުރުން ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕާސަނަލް ލޯނާއި ހައުސިން ލޯނަށް އެދި ހުށަހެޅޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އިތުރުވެ ވިޔަފާރިއާއި ސިނާއީ މަސައްކަތްތައް ކުރިއަރާ ދަނޑިވަޅެއްގައި ފަރުދީ އަދި ވިޔަފާރިތަކަށް ހާއްސަ ބޭންކިން ހިދުމަތްތައް ގާއިމްކޮށްދިނުމަކީ ބީއެމްއެލްގެ އަމާޒެއްކަމަށާއި، ހުޅުމާލޭގައި ގާއިމްކުރެވުނު ބިޒްނަސް ސެންޓަރު ވެގެންދާނީ ވިޔަފާރީގެ އެންމެހާ ބޭނުންތަކަށް އެކަށޭނަ ތަނަކަށް ކަމަށެވެ، އަދި މީގެ އިތުރުން ކަސްޓަމަރުންނަށް ޕާސަނަލް ލޯނާއި ހައުސިން ލޯނަށް އެދި ހުށަހެޅުމަށް އެކަށޭނަ މާހައުލެއް ގާއިމްކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބީއެމްއެލްގެ ބިޒްނަސް ސެންޓަރުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ގައުމުގެ ތަރައްގީގައި ޕްރައިވެޓް ސެކްޓާގެ ރޯލު ބޮޑު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.