ވިލިމާލެއިން 53 އަހަރުގެ އަންހެނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ މ. އާޒާދީގުލްޝަން / އާތިފާ ޢަބްދުﷲ ކަމަށެވެ. އުމުރުން 53 އަހަރުގެ އާތިފާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު 10:25 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ.
އެ ރިޕޯޓު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ ތރޭ 10:45 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އަދި އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވަނީ އާތިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!