މިއަހަރުގެ މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 19 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި, އިމްޕޯޓާއި އެކްސްޕޯޓުން 2022 ވަނަ އަހަރުގެ މެއި މަހު ދައުލަތަށް ލިބުނީ 300 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއަހަރުގެ މެއި މަހު 357 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ.
އާމްދަނީގެ އިތުރުން އިމްޕޯޓާއި އެކްސްޕޯޓުވެސް މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ވަނީ މިއަހަރުގެ މެއި މަހު އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިއަހަރުގެ މެއި މަހު އެތެރެކޮށްފައިވަނީ 4.6 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ ފަސް އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 901 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު ޔޫއޭއީން 645 މިލިއަން ރުފިޔާގެ މުދާ، ޗައިނާއިން 642 މިލިއަން ރުފިޔާގެ މުދާ، އޮމާނުން 551 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 419 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ރާއްޖެއިން މިދިޔަ މެއި މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 37 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު 208 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު, މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 285 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑާއި ގްރޭޓް ބްރިޓެންއާއި ޖަރުމަނާއި ބަންގްލަދޭޝް އަދި އިޓަލީއަށެވެ.
އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މެއި މަހު ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ރޯޔަލްޓީގެގޮތުގައި 2.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!